ޚަބަރު

ދަނޑުތަކުގެ މަސައްކަތް ކުރި ބަޔަކަށް ފައިސާ ނުދީގެން 3 މިލިއަން ދައްކަން އެފްއޭއެމަށް ހުކުމްކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެފްއޭއެމްގެ މައި އިދާރާ--

ފުޓުބޯޅަ ދަނޑުތަކެއްގެ މަސައްކަތް ކުރި ކޮރެއާގެ ކުންފުންޏެއް ކަމަށްވާ, ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓަޑަަށް ދޭން ޖެހޭ ފައިސާ ނުދީއޮތް މައްސަލާގައި 3,382,000 ޑޮލަރު ދެއްކުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by MWSC

މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ކުންފުންޏާއެކު އެފްއޭއެމްއިން މާޗް 20, 2021 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކޮށް އެ ދަނޑުތަކާ ގުޅޭ އެހެނިހެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށް ދައުވާ ކުރި ފަރާތުން ބުނެފައިވެ އެވެ.

ދައުވާ ކުރި ފަރާތުން ހުށަހަޅާފައިވަނީ އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ ފައިސާއާއި ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމާއި ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ގާނޫނީ ފަންނުގެ ހިދުމަތް ހޯދުމަށް ކުރަންޖެހުނު ހަރަދުއެކީ އެއްފަހަރާ ހޯދުމަށެވެ.

ދައުވާ ކުރި ފަރާތުން އެދިފައިވަނީ އެ މަސައްކަތުގެ އަގުގެ ގޮތުގައި 1,197,200,00 ޑޮލަރު އަދި 1,940,800.00 ޑޮލަރާއި ހުޅުމާލެ ރިކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގު 122,000,00 ޑޮލަރުގެ އިތުރުން ރިކުއާމެންޓަށް ބަދަލު ގެނެސް ކޮށްފައިވާ މަސައްކަތުގެ އަގަށްވާ 122,000,0 ޑޮލަރާ އެކު އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ 3،382،000 ޑޮލަރު ހޯދުމަށެވެ.

އޭގެ އިތުރުން އެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ލީގަސް ނޯޓިސް ފޮނުވި ތާރީހުން ފެށިގެން ކޮންމެ މަހަކަށް ޖުމްލަ އަގުގެ 6 އިންސައްތަ ފައިސާ, 202،920 ޑޮލަރުގެ މަގުން 10 މަސްދުވަހަށް 2،029،200 ޑޮލަރު ހޯދުމަށް ވެސް އެ ކުންފުނިން އެދިފައިވެ އެވެ.

އަދި ލީގަލް ފީގެ ގޮތުގައި ހަރަދުކުރަން ޖެހުނު 500،000 ޑޮލަރާއެކު 5,911,200 ޑޮލަރު އެފްއޭއެމްއިން ހޯދުމަށް އެ ކުންފުނިން އެދުނެވެ.

ދައުވާ ލިބޭ ފަރާތުން ދައުވާގެ ރައްދު ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ރައްދު ހުށަހަޅާފައި ނުވާތީ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ދައުވާ ކުރާ ފަރާތުން އެދުނެވެ.

އެ ކުންފުނިން ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުގެ ގޮތުގައާއި ހުޅުމާލޭގައި ކުރެވުނު ރީކޮންސްޓްރަކްޝަން މަސައްކަތުގެ އަގާއި ދައުވާ ލިބޭ ފަރާތުގެ އެދުމުގެ މަތިން ދައުވާ ކުރާ ފަރާތުގެ ރިކްއާމެންޓަށް ބަދަލު ގެނެސް އިތުރަށް ކުރެވުނު މަސައްކަތުގެ އަގަށްވާ 3,382,000 ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.