ޚަބަރު

ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު އިންޑިއާގައި--

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގެންފި އެވެ.

Ads by Hajj Corporation

އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވައި ދެ ގައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

އެ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.