ޚަބަރު

ލައިސަންސް މިހާރު އޮތް ފަރާތްތަކުގެ ލައިސަންސް ރިވިއުކުރަންދެން ބޭރު ފައިސާ ވިއްކޭނެ: އެމްއެެމްއޭ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ކުރިން ދޫކޮށްފައި އޮތް ފަރާތްތަަކުގެ ލައިސަންސް އަލުން ރިވިއުކުރަންދެން އެ ހިދުމަތް ދެެވޭނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބުނެފި އެވެ.

Ads by STELCO

އެމްއެމްއޭއިން މި މަހުގެ އެއްވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށި "މަނީ ޗޭންޖިންގެ އާ ވިޔަފާރިއާ ބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ރާއްޖޭގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރަން ވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރިކުރުމަށް ދޫކުރާ ޓިއާ 1 މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ލިިބިގެން ނެވެ.

އެމްއެމްއޭއިން ބުނީ އާ ގަވައިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ކުރިން ދޫކޮށްފައި އޮތް ފަރާތްތަކުން ވެސް ލައިސަންސްއަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެހެން ނަަމަވެސް އެ ފަރާތްތަކުގެ އެޕްލިކޭޝަންއާމެދު ވަކި ގޮތެއް ނިންމައި އަންގަންދެން ބޭރު ފައިސާ ގަނެވިއްކުން ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

ލައިސަންސްއެއް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30އާ ހަމައަށް ހުޅުވާލައިފައިވާ އިރު އެ މުއްދަތުގެ ތެރޭގައި ލައިސަންސްއަށް އެދި ހުށަނާޅައިފިނަމަ ލައިސަންސް ބާތިލުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.