ޚަބަރު

ރައީސްގެ ދަތުރުފުޅަކީ ގުޅުން އިތުރަށް ބަދަހި ކުރަން ލިބޭ މުހިއްމު ފުރުސަތެއް: ގާސިމް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ރައީސް ގާސިމްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭ މުހިއްމު ފުރުސަތެއް ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

"އެކްސް" ގައި މިއަދު ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދަތުރުފުޅުން ފެންނަނީ އުއްމީދީ އަދި އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ގާސިމް އިލްތިމާސްކުރެއްވި އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީގެ އާ އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް މުހިއްމު ގުޅުމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން އިއްޔެ އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.

ރައީސްގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.  ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

Ads by Ooredoo