ހައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސްއެއް މި މަހު ފަހުކޮޅު ބާއްވަނީ

ހައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސްއެއް މި މަހު ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު 'އެކްސް'ގައި ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ އެފަދަ ކޮންފަރެންސް ކަމަށެވެ.
އެގޮތުން މި މަހު 31 ގައި އެ ކޮންފަރެންސް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ކޮންފަރެންސް އަމާޒުކުރަނީ ހިދުމަތް ދޭ ފަރާތްތަކަށް ކަމަށެވެ.
އަދި އެ ކޮންފަރެންސްގެ މަގުސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
ރާާއްޖޭގައި ފަހަކަށް އައިސް ހައްޖަށް އެންމެ ގިނައިން މީހުން ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.
އެހެން ނަމަވެސް އުމްރާއަށް މީހުން ގެންދިއުމުގައި އަމިއްލަ ކުންފުނިތަކުން ފުދޭ ވަރަކަަށް ޝާމިލުވެ އެވެ.
އަމިއްލަ ކުންފުނިތަކުން ހައްޖާއި އުމްރާއަށް މީހުން ގެންދާއިރު ބޮޑެތި މައްސަލަތައް މީގެ ކުރިން ކުރިމަތިވެ ބައެއް މީހުންނަށް ހައްޖަށާއި އުމްރާއަށް ނުދެވުމުގެ ހާދިސާތައް ވެސް ކުރިމަތިވެފައިވެ އެވެ.