ގަވައިދާ ހިލާފަށް ކާބޯތަކެތި އުފައްދާ, ވިއްކާތީ ސަމާލުވާން އެދިއްޖެ

ގަވައިދާ ހިލާފަށް ކާބޯތަކެތި އުފައްދާ, ވިއްކާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ސަމާލުވާން އެދިއްޖެ އެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ "ހިންނަވަރު އަތުޖެހި" ނަމުގައި އަތުޖެހި ޕެކެޓު ވިއްކަނީ "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު" ގެ ދަށުން ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ އެ އުފެއްދުމުގައި ބޭނުންކޮށްފައިވާ ނަންބަރަކީ އެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަންބަރެއް ނޫން ކަމަށެވެ.
އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ "ދިރިތި" ޕޯޓަލް އާއި އެ އިދާރާގެ ވެބްސައިޓް އަދި ހެލްތް މިނިސްތްރީގެ ވެބްސައިޓްގައި އަދާހަމަކޮށް ޝާއިއު ކުރަމުންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.
އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތި ގަތުމުގައި އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމަ އެކަން އޮތޯރިޓީގެ ނަންބަރު 3014361 ނުވަތަ 7603204 ފޯނާ ގުޅޭ ހިއްސާކުރެއްވުމަށް އެމްއެފްޑީއޭއިން އެދިފައިވެ އެވެ.