ޚަބަރު

ރޭސް ކާރު އެކްސިޑެންޓް: އަނިޔާދިނުމާއި އެހީތެރިނުވުމުގެ ދައުވާއާއެކު ގިނަ ދައުވާތަކެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މިދިޔަ ޖުލައި 31 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑްގައި ދުއްވި ރޭސް ކާރެއް ކޮންޓްރޯލްނުވެ, ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން ކާރުގައި ތިބި ތިން މީހުންނަށް ދައުވާކޮށްފި އެވެ.

Ads by Sosun Fihaara

ދައުވާކޮށް, މިއަދު ހެނދުނު 9 ޖަހާއިރު ޝަރީއަތުގެ އަޑުއެހުން ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުން ވަނީ ކެންސަލުވެފައި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް ދައުވާކޮށްފައިވަނީ:

  • އިބްރާހީމް އިކްރާމް, މއ. ލޭންޑްއޮފްގާޑްން
  • އިކްރާމުއްރަހްމާން, ހ. ނޫރަންމާގެއާގެ
  • ޖިނާހު އިސްމާއީލް, ގއ. ކަނޑުހުޅުދޫ, އާޒާދުގެ

އިކްރާމާއި އިކްރާމުއްރަހްމާގެ މައްޗަށް 6 ދައުވާއެއް ކޮށްފައިވާއިރު ޖިނާހުގެ މައްޗަށްކޮށްފައިވަނީ 4 ދައުވާއެކެވެ.

އިކްރާމްގެ މައްޗަށްކޮށްފައިވާ 6 ދައުވާ:

  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން, މީހަކަށް, އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ކުށުގެ ދައުވާ
  • މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދެ ދައުވާ
  • އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ

 އިކްރާމުއްރަހުމާނުގެ މައްޗަށްކޮށްފައިވާ 6 ދައުވާ:

  • އެކްސިޑެންޓުވުމުން އެކަމުގެ ރިޕޯޓު ނުކުރުމުގެ ކުށުގެ ދައުވާ
  • އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ
  • އަނިޔާ ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން, މީހަކަށް, އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ

ޖިނާހުގެ މައްޗަށްކޮށްފައިވާ 4 ދައުވާ:

  • އަނިޔާ ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
  • މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ

އެ މައްސަލައާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އެހެންނަމަވެސް ވަކީލަކު ނެތި ބަންދުގެ މުއްދަތު ޖެހިކަމަށް ބުނެ އިކްރާމް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު ޖެހީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމާ, އޭނާ ބަންދުން ދޫކޮށްލި އެވެ.

އެހެންނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ފުލުހުން އިކްރާމް އަލުން ހައްޔަރުކުރި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!