ޚަބަރު ރައްޔިތުންގެ މަޖިލިސް

މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވަން ކަނޑައަޅާފައިވާ މުރައިދޫގެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މ. މުރައިދޫގޭގެ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އެދި ހުށަހެޅި މައްސަލަ އާ ގުޅިގެން އެކަން ނުކުރަން މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރަން ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

Ads by STELCO

ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ބަދަލުވެ ވަޑައިގެންނެވީ މިދިޔަ ޖުލައި މަހު އެވެ. ބަދަލުވުމުގެ ކުރިން ބައެއް މަރާމާތުތައް އެ ގެކޮޅަށް ގެނަ އެވެ.

މުރައިދޫގެ މަރާމާތު ކުރުމަށް ކުރި ހަރަދާއި އެ ގެކޮޅުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާ އަދި އެ މީހުންނަށްދޭ މުސާރައިގެ ތަފުސީލު ހޯދުމަށް ނޫހަކުން ހުށަހެޅި އެވެ.

އެކަމާ ގުޅިގެން މަޖިލިހުގެ އިދާރާއިން ބުނެފައި ވަނީ މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލިހުގެ ރައީސަކީ ހިމާޔަތާއި ރައްކާތެރިކަންދޭ ބޭފުޅެއް ކަމަށެވެ. އެހެންވުމާ އެކު އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ 241 ކޮމިޓީން ކަމަށެވެ.

މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އެ ބައްދަލުވުމުގައި ނިންމީ މުރައިދޫގޭގައި އުޅޭ މުވައްޒަފުންނާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށެވެ.

މިއަދު ހަވީރު 4:00 އަށް އެ ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ. "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްދަލުވުން ބާއްވަނީ އެ ކޮމިޓީން މިއަދު ހެނދުނު ނިންމި ނިންމުން ބަދަލު ކުރުމަށެވެ.

މުރައިދޫގޭގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަށް ވަނީ ޑިރެކްޓަ ޖެނެރަލްކަން ދީފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!