ޚަބަރު

އައިޕީޔޫގެ މުހިންމު ދެ މަގާމަކަށް މަޖިލީހުގެ ދެ މެންބަރަކު އިންތިހާބުވެވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ(ކ) އަދި ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ(ވ)--

އިންޓަރ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު އިންތިހާބުވެވަޑައިގެންފިއެވެ.

Ads by Sosun Fihaara

ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އައިޕީޔޫގެ ދެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

އޭގެ ތެރެއިން އަސްމާ އިންތިހާބުވެވަޑައިގެންނެވީ އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރައްވާ ގޮތަށެވެ.

އަދި ސައުދާ އިންތިހާބުވެވަޑައިގެންނެވީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރައްވާ ގޮތަށެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ ދެ މަގާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަގާމު ކަމަށެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރު އެވެ.