Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމުގެ މަސަައްކަތް ފަށައިފި

އެމްޕީއެލުން އެއް މިލިއަން ގަސް އިންދުމުގެ މަސަައްކަތް ފަށައިފި
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ފަށައިފި އެވެ. އެ މަސައްކަތް އެމްޕީއެލުން ރަސްމީކޮށް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ. އެއް މިލިއަން ގަސް އިންދަން ޕްލެޖްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް ސޮއިކުރައްވާ މިނިސްޓަރު ތޯރިގަށް ލިޔުން ހަވާލުކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި އެ މަސައްކަތުގައި އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. ވަޖީހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އެކި ކްލަބު ޖަމިއްޔަތަކާއި ގުޅިގެން އެމްޕީއެލްއިން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު މިކަން (އެއް މިލިއަން ގަސް އިންދުމުގެ އަމާޒު) ހާސިލްކުރުން"
އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން އެމްޕީއެލްއިން މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމާފައިވެ އެވެ. މިނިސްޓަރު ތޯރިގު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖްކުރީ އެމްޕީއެލް ކަމަށެވެ. އަދި މިކަމަކީ އެމްޕީއެލްގެ ފަދަ އެސްއޯއީއަކުން އިސްނަގައިގެންކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ތޯރިގު ވިދާޅުވި އެވެ. ގަސް އިންދުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި އެމްޕީއެލްއިން އިމާރާތްކުރަން ނިންމާފައިވާ ވަގުތީ މިސްކިތުގެ ބިންގާވެސް އަޅާފައިވެ އެވެ. އެކަމާ ގުޅިގެން ވަޖީހު ވިދާޅުވީ ވަގުތީ މިސްކިތަކީ ބަނދަރު އެޅުމުގެ މަސައްކަތް ފަށާއިރު އެ ތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ނަމާދު ކުރުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެމްޕީއެލްއިން އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް