ހިމާޔަތްކޮށްފައިވާ އިތުރު ސަރަހައްދުތައް ބަލަހައްޓަން ފައިސާ ދަނީ ލިބެމުން: މިނިސްޓަރު

ހިމާޔަތްކޮށްފައިވާ އިތުރު ސަރަހައްދުތައް ބަލަހައްޓަން ފައިސާ ލިބެމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ތޯރިގު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މަޖިލީހަށް ތޯރިގު ހާޒިރުވެވަޑައިގެންނެވީ ށ. ކަނޑިތީމުގައި ސޯލާ ހަރުކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން އެ ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތުގައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވަނީ މިދިޔަ ސަރުކާރަކީ އެންމެ ގިނަ ތަންތަން ހިމާޔަތްކުރި ސަރުކާރު ކަމަށާއި ހިމާޔަތް ކުރާ ތަންތަން ބެލެހެއްޓުމަށް އެއްވެސް ކަހަލަ ފިޔަވަޅުތަކެއް އަޅާތޯ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 96 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު ރަނގަޅު ގޮތުގައި ބެލެހެއްޓެމުންދަނީ 5 ސަރަހައްދެއް ކަމަށެވެ.
"މި ސަރުކާރުގެ އެއް އަމާޒަކީ ވީހާވެސް ގިނަ ސަރަހައްދުތަކެއް ހިމާޔަތްކޮށް މެނޭޖް ކުރެވޭނެ ތަންތަނަށް ހެދުން. މެނޭޖްމެންޓް ޕްލޭން ހަދައިގެން."
ތޯރިގު ވިދާޅުވީ 5 ތަނުގެ އިތުރަށް ވީހާވެސް ގިނަ ތަނެއް މެނޭޖްކޮށް, އެތަންތަނުން ނަފާ ލިބޭނެ ގޮތް ހަދަން މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި މިހާރުވެސް ޓްރޭނިންނާއި އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.