ޑޮމެއިންގެ ހިދުމަތް އަންނަ މަހު އަލުން ފަށަން މަސައްކަތް ކުރަނީ
އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުގެ ހިދުމަތް އަލުން ފަށަން މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓރީން ބުނެފި އެވެ.
މިނިސްޓްރީން އެހެން ބުނީ ޑޮމެއިން ނަންބަރުތަކާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވަމުންދަނިކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.
ޑޮމެއިން ނަންބަރުގެ ހިދުމަތް ހުއްޓާލާފައިވަނީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުންނެވެ.
މިނިސްޓްރީން ބުނީ ހިދުމަތް އަލުން ފެށުމަށްޓަކައި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ކުރިއަށްގެންދާ ކަމަށެވެ.
އެހެންނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވަނީ ވޭތުވެދިޔަ ތަނުގައި އެ ހިދުމަތުގެ ރެކޯޑް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ނެތުމެވެ.
މިނިސްޓްރީން ބުނީ އަމާޒަކީ އެ ހިދުމަތް އަލުން ފެށިގެންދާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމާއި ހަރުދަނާ ގަވާއިދެއް އެކުލަވާ, ގަވާއިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
ވޭތުވެދިޔަ 10 މަސް ތެރޭގައި ކުރެވުނު މަސައްކަތުން އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިވާކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
ބަޔާނުގައި ބުނީ އެ ހިދުމަތް ފޯރުކޮށްދިނުމުގައި ދޫކުރެވޭ ހުރިހާ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސްތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
"ހާއްސަކޮށް މި މިނިސްޓްރީން މި ފަށާ މަސައްކަތުގެ ތެރޭގައި, އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނާނެ ކަމެއް އެކުލެވިގެން ނުވާނެކަމުގެ ޔަގީންކަން އެންމެހޭ ފަރާތްތަކަށް އަރުވަން"
މިނިސްޓްރީން އިތުރަށް ބުނީ މަގްސަދަކީ ޑޮމެއިން ހިދުމަތަކީ އެންމެންގެ އިތުބާރު ލިބިފައިވާ ހިދުމަތަކަށް ހެދުން ކަމަށެވެ.