އިންޑިއާ ބޭހެއްގައި މައްސަލަ އުޅޭތީ ސަމާލުވާން އެދިއްޖެ
އިންޑިއާއިން އުފައްދާ ބޭހެއްގައި މައްސަލައެއް އުޅޭތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވާން އެދިއްޖެ އެވެ.
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ, އައިޗޯރް ބަޔޮލޮޖިކަލްސް ލިމިޓެޑް އުފައްދާފައިވާ "ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓަވެންސަސް ޔޫސް ބީޕީ (އިމިއުގްލޯ)" ގެ ބެޗްތަކުން ކޮލިޓީ މައްސަލައެއް ވަނީ ފެނިފަ އެވެ.
އެކަމާ ގުޅިގެން ސްރީލަންކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ, ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮޓޯރިޓީ އިންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރިޕޯޓްކޮށްފަިއވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ.
އެކަމާ ގުޅިގެން އެމްއެފްޑީއޭއިން ބެލިއިރު އެ ކުންފުންޏަކީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމުގެ ހުއްދަ ކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ކުންފުންޏެއް ނޫން ކަމަށް އެ އޮތޯރިޓީއިން ބުނެ އެވެ.
ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭހުގެ އެއްވެސް ބެޗެއް, ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން އެ އޮތޯރިޓީއިން ވަނީ ޔަގީންކަން ދީފަ އެވެ.
އެމްއެފްޑީއޭއިން ވަނީ އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށްވެފައި, ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް މި ގައުމުތަކުން ބޭސް އިމްޕޯޓްކުރާތީ ސާމާލުވުމަށް އެދިފައިވެ އެވެ.
އެ އޮތޯރިޓީއިން އިތުރަށް ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލާފާސްކުރުމުން ގެންދާނެ ކަމަށެވެ.