ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް
ވެލާނާގެ / ފޮޓޯ:ދެން އިމޭޖްސް

މިދިޔަ ސަރުކާރުން ފަށާފައިވާ މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނައުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

"މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައި ނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ،" ޒަމީރު ވިދާޅުވި އެވެ.

އެ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށެވެ.

މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރެއިން ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ސިފައިންނާއި ފުލުހުންގެ މުސާރަތައް ވަނީ ބޮޑުކޮށްފަ އެވެ.

ސިވިލް ސާވިސްގައި މިހާރު 30،165 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ބަޖެޓުގައި މުސާރަ ދިނުމަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 13.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާ އެވެ.

މި ހަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!