ނޮވެމްބަރު ތިނެއްގެ ހަނދާންތައް އާކުރައްވައި މައުމޫން ވިދާޅުވީ އަބަދުވެސް ހޭލާ ތިބެން ޖެހޭ ކަމަށް
ނޮވެމްބަރު ތިނެއް ފަދަ ކުއްލި ނުރައްކަލުގެ ހާދިސާއެއް ދިމާވެދާނެ ކަމަށް އަބަދުވެސް ރައްޔިތުން ހޭލާ ތިބެން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ބަދަލުވެ ރާއްޖޭގެ ގައުމީ މަސްރަހަށާއި ޒަމާނާ އެކަށީގެންވާ ގޮތަށް ރާއްޖޭގެ ގާނޫނާއި ގަވައިދުތައް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކެއް ވެސް މިހާރު އުފެދިގެން އައިސްފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެއިން އެއްވެސް ކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ ގައުމީ ވަހުދަތަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ރާއްޖޭގައި މާބައިވަރު ހަތިޔާރުތަކެއް ނެތި އަދި އެފަދަ ހަމަލާއަކަށް ތައްޔާރުވެވެސް ނެތި ދިވެހީން ހަނގުރާމަކުރީ ވަރަށް ވަރުގަދަ ހިތްވަރަކާއެކު ކަމަށެވެ.
އަދި ނޮވެމްބަރު ތިނެއްގައި ރާއްޖޭގެ ސިޔާދަތަށް ތާއިދުކޮށް އެހީތެރިވި ފަރާތްތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި އިހުލާސްތެރިކަމުގެ ޝުކުރު ދަމަހައްޓަން ޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އިންޑިއާގެ ނަން ވަކިން ފާހަގަކުރެއްވި އެވެ.
މައުމޫން ވިދާޅުވީ މިއަދު އަދި މާދަމާވެސް ދިވެހި ރައްޔިތުން ހަނދާން ބަހައްޓަންވީ ވަރަށް މުހިންމުކަމެއް އެބައޮތް ކަމަށެވެ.
"ދުނިޔޭގެ ސިޔާސީ އޮއިވަރު ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ވެދާނެކަމެއްކަން. އަބަދުވެސް ދިވެހި ރައްޔިތުން މިކަމަށް ތިބެން ޖެހޭނީ ހޭލާ." އެމަނިކުފާނު ވިދާޅުވި އެވެ.