އާސަންދަ ހިދުމަތާ ގުޅޭ ގޮތުން އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް
އާސަންދަ ހިދުމަތާ ގުޅޭ ގޮތުން އިދިކޮޅު, އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ނިންމަވައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމު (ކުޑޫ) އެވެ.
މަޖިލީހުގރ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ) އަށް ބަލާއިރުއެ މައްސަލާގައި ކުއްލި މައްސަލައިގެ ޝަރުތު ފުރިހަމައެއް ނުވާ ކަމަށެވެ. އަދި ކުއްލި މައްސަލައަކަށް ވާނީ ކުއްލިއަކަށް ހިނގައިގެން ނުވަތަ ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކުން ހުށަހަޅާ މައްސަލަތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
" އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލާގައި ބަހުސް ކުރަން ފެނޭތޯ ނުފެނޭތޯ ވޯޓަކަށް ދެންނެވެން ނެތް ވާހަކަ ހިތާމައާއެކީގައި ދަންނަވަން"
އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދާ ދިވެހިން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެއްދުމަށް ލިބެމުން އައި އާސަންދަ ހިދުމަތް ދިނުން ހުއްޓާލަމުންދާ ކަމަށާއި ބޭސް ސިޓީ އާއި ބޭސް ދޫކުރުމުގައި ލިބެމުން އައި އާސަންދައިގެ ހިދުމަތް ނުލިބި އެކަންކަމަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުން ފައިސާދީގެން ހިންގަމުން އައިސްފައިވާ ހިދުމަތެއް, ދައުލަތުން ފައިސާ ނުދިނުމުގެ ސަބަބުން ހުއްޓާލަންޖެހޭ ހިސާޝަށް ދިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ގޮވާލާފަ އެވެ.
ސަރުކާރުން ދާދިފަހުން ވަނީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯދާ މީހުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތެއް ނަމަ، ޕްރައިވެޓް އިންޝުއަރެންސަށް ބިލު ކުރާ ގޮތަށް ހަމަޖެހިފަ އެވެ.
އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ ފެންމަތިވަމުން ދަނިކޮށް އެންސްޕާއިން ބުނީ އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖް ނުލިބި، އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި، އާސަންދައިގެ ކަަވަރޭޖް ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމަށެވެ.