ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ދެނީ
ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ހިމަނައިދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އެފަދައިން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިދާރީ މޭޒުން ވަނީ ހުށަހަޅުއްވައިދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ 2025 އަހަރަށް ލަފާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ރާވާފައިވާ ބްލޮކް ގްރާންޓް އަދަދަކީ 1.4 މިލިއަން ރުފިޔާ ކަމަށެވެ.
ބަޖެޓުގައި ބްލޮކް ގްރާންޓް ހިސާބުކުރުމުގައި ލާމަރުކަޒީ ގާނޫނު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓާ, ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ބަޖެޓުގެ ޖުމްލަ އަދަދު އިތުރުނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.
އެ ސިޓީ ދިރާސީ ކުރުމަށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވާލި އެވެ.
މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލުތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލުތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމާ ގުޅިގެން މޭޔަރުންނާއި ކައުންސިލަރުންވެސް އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެ ކަންބޮޑުވުންތައް ފެންމަތިވަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓު ފާސްކުރާއިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.