ސީއެސްސީގެ ރައީސް، އީސީ އަދި އޭސީސީގެ ނައިބު ރައީސް ހިމެނޭހެން މެންބަރުންތަކެއް ވަކިކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް, އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ހިމެނޭހެން އެ ކޮމިޝަންތަކުގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި އެ ކޮމިޝަންގެ މެންބަރަކު އަަދި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް އަދި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ އިތުރު ދެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވަން މާދަމާގެ އެޖެންޑާގައިވެ އެވެ.
އެ މެންބަރުން ވަކިކުރަން ނިންމާފައިވަނީ މިދިޔަ ހަފްތާގައި ސިއްރުކޮށްގެން ކުރިއަށް ދިޔަ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގަ އެވެ.
ކޮމިޝަންތަކުގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭސީސީ އާއި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގާނޫނު އިސްލާހުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެ ދެ ބިލުގެ ބަހުސް ނިންމާ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.