ރިޕޯޓް މީހުން

އާދައިގެ ޓެކްނީޝަނަކުން ޓެލެކޮމް ދުނިޔޭގެ އެންމެ އުހަށް ނިޔާޒުގެ ދަތުރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގައި އަސްކަރީ ހިދުމަތް ތަރައްގީ ކުރުމުގެ ގައުމީ މަޝްރޫއެއްގެ ތެރެއިން ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ސްކޫލު ނިންމާފައި ނިކުންނަ ކުދިން ދައުލަތުގެ ބޮންޑެއްގައި ވަޒީފާއަށް ނެރުނު ދުވަސްވަރެއް ދިޔަ އެވެ. އެކުދިންނަށް ޓްރެއިނިންގް ދިނުމަށްފަހު ފަސް އަހަރު ނުވަތަ އެއަށްވުރެއް ގިނަ ދުވަހަށް ވަޒީފާ އަދާކުރަން މަޖުބޫރު ކުރި އެވެ. މިހަފްތާގެ ހަރުފަތް ޕްރޮގުރާމުގައި މި ގެނަސްދެނީ މި ޕްރޮގުރާމުގެ ތެރެއިން އަސްކަރިއްޔާއަށް ހިދުމަތް ކުރަން ފެށި ދަރިވަރެއްގެ ވާހަކަ އެވެ.

Ads by Sosun Fihaara

"ސިފައިންގެއަށް ގަދަކަމުން ވެއްދި ގްރޫޕުގެ ތެރޭގަ އަޅުގަނޑުވެސް ހިމެނިގެން ދިޔައީ، އެކަމަކު އަޅުގަނޑު ވަނީ ސިފައިންގޭގަ އޭރުގަ އިލެކްޓްރޯނިކްސް ކޯހަކަށް ކުދިން ބޭނުންވެގެން އެކޯހަށް" ހުސައިން ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒަކީ ކޯޕަރޭޓް ދުނިޔޭގައި ދިވެހިންނަށް ބީރައްޓެހި ނަމެއް ނޫނެވެ. ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ސީސީއޯގެ މަގާމުގައި ހުންނެވި ނިޔާޒަކީ އެކުންފުނީގައި މިވަގުތު އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ދިވެއްސެވެ. ނިޔާޒުގެ ދަތުރު ދިގު ނަމަވެސް ވަރަށް ޝައުގުވެރި އެވެ.

1993 ވަނަ އަހަރު ސިފައިންގެއާއި ގުޅިވަޑައިގެން ފަސް އަހަރު ދުވަހުގެ ބޮންޑެއް ނިޔާޒުއާއެކު ހެއްދެވި އެވެ. އެހެންނަމަވެސް ސިފައިންގެއަކީ ނިޔާޒު މަސައްކަތް ކުރައްވަން ބޭނުންވި ދާއިރާއެއް ނޫނެވެ. އެހެންވެ އެ ވަޒީފާއިން ކެނޑެން ވަރަށް މަސައްކަތްވެސް ކުރެއްވި އެވެ. އެކަން ނުވެ ފަސް އަހަރަށް ހެދި ބޮންޑުގައި 12 އަހަރު ގައުމީ ހިދުމަތް ކުރެއްވުމަށްފަހު ނިޔާޒު އެންމެ ފަހުން ސިފައިންގެއިން ނިކުމެވަޑައިގެންނެވި އެވެ.

"ސިފައިންގޭގަ ދެން މާ ބޮޑަށް އުޅޭހިތެއް ނުވޭ. ދެން އަޅުގަނޑަކީ ޓެކްނިކަލް މީހެއް. އޭރު ޓީވީ އެއްޗެހި ހަދާ، ވޯކިޓޯކީ އެއްޗެހި ހަދާ މިކަމުގެ ތެރޭގަ އުޅޭނީ"

ސިފައިންގޭގައިވެސް މިކަމާއި ގުޅުންހުރި ޑިޕާޓްމެންޓެއްގެ ހެޑަކަށް ނިޔާޒު ހުންނެވި އެވެ. އެހެންނަމަވެސް އެތަނުގައި އޭރު ޓެކްނިކަލް ދާއިރާ އޮންނަނީ ވަރަށް ހަނިކޮށެވެ. ސިފައިންގެއިން ނިކުމެވަޑައިގެން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ކުންފުންޏެއް ނުވަތަ މުއައްސަސާއަކާއި ގުޅިވަޑައިގަންނަވަން ނިޔާޒު ގަސްތު ކުރެއްވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އޭރު އޮތް ހަމައެކަނި ޓެލެކޮމިޔުނިކޭޝަން ކުންފުނި، ދިރާގު ފަދަ ތަންތަނުގައި ވަޒީފާ އޮތްތޯ ނިޔާޒު ބެއްލެވި އެވެ.

މިހެން އުޅުއްވަނިކޮށް ވަތަނިއްޔާ ކިޔާ ކުންފުންޏަކުން ރާއްޖޭގައި ހިދުމަތް ފަށަން އުޅޭ ވާހަކަ ހަބަރުން ފެނިވަޑައިގެންނެވި އެވެ. މިއާއެކު އެކުންފުންޏާއި ގުޅިވަޑައިގަންނަވަން ނިޔާޒު މަސައްކަތް ފެއްޓެވި އެވެ. ކަން ދިމާކުރި ގޮތުން އެކުންފުނި އަލަށް އަންނަން އުޅުނުއިރު އެތަނުގައި ނިޔާޒުގެ ރަހުމަތްތެރިޔަކު މަސައްކަތް ކުރި އެވެ. އޭނާއަށް ގުޅައި އިންޓަވިއުއަށް ދިޔަ އެވެ. ފުރަތަމަ އިންޓަވިއުއިން ނިޔާޒުއަށް ވަޒީފާ ލިބިވަޑައިގެންނެވި އެވެ.

ނިޔާޒު ގުޅިވަޑައިގެންނެވީ ވަތަނިއްޔާގެ ނެޓްވޯކް ޑިޕްލޯއިމެންޓަށް ޓެކްނީޝަނެއްގެ ގޮތުގަ އެވެ. އެއީ ސުނާމީ ކާރިސާއަށްފަހު 2005 ވަނަ އަހަރެވެ. އެޒަމާނުގައި ޓެކްނީޝަނުންވެސް ވަރަށް މަދެވެ. އަދި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތަކީ ރާއްޖޭގައި މާ ފުޅާ ދާއިރާއެއްގައި ދެމުންދިޔަ ހިދުމަތެއް ނޫނެވެ. ދުރުގައި ތިބޭނަމަ އެކަކު އަނެކަކާއި މުވާސަލާތު ކުރަނީ ރަށު ފޯނު ބޫތަށް ގޮހެވެ. މަދު މީހެއްގެ އަތުގައި ފޯނު އޮވެ އެވެ.

ކޮންމެއަކަސް 2005 ވަނަ އަހަރު ވަތަނިއްޔާއަށް ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭން ލިބުނު ލައިސަންސްގައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަން މަޖުބޫރު ކޮށްފަ އެވެ. ގިނަ ބަޔަކު މިއީ ނުވާނެކަމެއްކަމަށް ބުނި ނަމަވެސް ވަތަނިއްޔާގެ ޓީމުން ދިޔައީ މިކަމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިޔާޒު ވިދާޅުވެދެއްވީ އެޒަމާނުގައި ދިމާވި ގޮންޖެހުންތަކެވެ.

"އޭރުގަ ދެން މިޒަމާނުގައި ހުންނަ ގޮތަށް ގެސްޓުހައުސްތަކެއް ނުހުރޭ، ހޮޓާތަކެއް ނުހުރޭ، ކެފޭތަކެއް ނުހުރޭ ރަށްރަށުގަ"

ވަތަނިއްޔާގެ ޓީމުން ރަށްރަށަށް ދިޔައީ ޓްރާންސްމިޝަން ދޭން ބޭނުންވާ ޓަވަރުތައް ރަށްރަށުގައި ޖަހާށެވެ. އެކަމަކު އޭރު ހެވީ ވެހިކަލްތައް ރަށްރަށުގައި ނުހުރެ އެވެ. އެހެންވެ ޓަވަރު ޖަހަން ޖެހުނީ ވާ ޖަހައިގެން ވަރަށް ހާލުންނެވެ. އެކަމަކު ނިޔާޒު ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެ އެވެ. ބައެއް ރަށްރަށުގައި ރަށުގެ އާބާދީ އެއްކޮށްހެން ނިކުމެ ޓަވަރު ޖެހުމުގެ މަސައްކަތުގައިވެސް އުޅުނެވެ.

ޓެކްނިޝަނެއްގެ ގޮތުގައި ބޮޑެތި ގޮންޖެހުންތަކާާއިއެކު މަސައްކަތް ފެއްޓެވި ނިޔާޒު އޭގެ 19 އަހަރު ފަހުން މިއަދު ހުންނެވީ އޭރުގެ ވަތަނިއްޔާ ނުވަތަ މިހާރުގެ ނަމުންނަމަ އުރީދޫގެ ސީސީއޯގެ މަގާމުގަ އެވެ. ނިޔާޒަކީ އެކުންފުނީގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ދިވެއްސެވެ. ބައިނަލްއަގުވާމީ ކުންފުންޏެއްގެ މިހާ މަތީ މަގާމަކަށް ދިވެއްސަކަށް އާދެވުމަކީ ދިވެހިންނަށްވެސް ލިބޭ ފަހުރެކެވެ.

ވަޒީފާގެ މާހައުލުގައި މިހާ ބޮޑު ކުރިއެރުމެއް ލިބިލެއްވުމުގައި ސިއްރުތަކެއް ހުރިތޯ ނިޔާޒު ކުރެއް އޮޅުންފިލުވަން ބޭނުންވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާއަކީ ޕެޝަނެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާނަމަ ކުރިއެރަން މާ އުނދަގުލެއް ނުވާނެ އެވެ.

ނިޔާޒު އުރީދޫއާއި ގުޅިވަޑައިގެންނެވިއިރު ލިބިވަޑައިގެން ހުންނެވީ ޑިޕްލޮމާ ސެޓްފިކެޓެކެވެ. އެކަމަކު ވަޒީފާގައި ހުންނަވައި ޓެލެކޮމް ދާއިރާއިން މާސްޓާޒް ހާސިލް ކުރެއްވި އެވެ. އެހިސާބަކުން އަދި ނުނިމެ އެވެ. ސިންގަޕޫރަށް ވަޑައިގެން އެތަނުގައި އޮތް ލީޑަޝިޕް ޓްރެއިނިންގް ޕްރޮގުރާމެއްގައި ބައިވެރިވެލެއްވި އެވެ. މީގެ އިތުރުން އެއް އަހަރު ވަންދެން ގަތަރުގައި އޮތް ޓްރެއިނިންއެއްވެސް ފުރިހަމަ ކުރެއްވި އެވެ. ގަތަރަކީ އުރީދޫގެ ހެޑް އޮފީސް ހުންނަ ގައުމުވެސް މެއެވެ.

މަސައްކަތުގެ މާހައުލުގައި ނިޔާޒު ގެންގުޅުއްވާ ވަކި އުސޫލުތަކެއް ނުވަތަ އާދަތަކެއް ހުރޭތޯ ސުވާލު ކޮށްލީމެވެ.

"އަޅުގަނޑަކީ ދެން ސިފައިންގޭގަވެސް އުޅުނީމަ ކަންނޭނގެ ގަޑިއަށް ދާ މީހެއް. ބައެއް މީހުން ދެން ވަރަށް ހިތްހަމަވެސް ނުޖެހޭނެ އަޅުގަނޑު ގަޑިއަށް ދާތީވެ"

ގަޑިއަށް އޮފީހަށް ދިޔުމަށް ނިޔާޒު އޭނާގެ ޓީމަށް ހިތްވަރު ދެއްވަ އެވެ. އަދި ގަޑިއަށް ދާނަމަ ގަޑިއަށް މަސައްކަތް ނިންމައިލުމަށްވެސް އިރުޝާދު ދެއްވަ އެވެ. ނިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މަސައްކަތެއް ނުނިމޭނެ އެވެ. މީގައި ހުށިޔާރު މީހަކީ 4:30 އަށް މަސައްކަތް ނިންމައި އަނެއް ދުވަހުގެ މަސައްކަތްވެސް ރާވައިލުމެވެ. ކޮންމެ ދުވަހެއްވެސް ނިމޭއިރު އަނެއް ދުވަހުގެ މަސައްކަތް ރާވައިލެވިއްޖެނަމަ ދެން އޮފީހަށް އަންނަން ޝައުގުވެރިކަމެއް އުފެދޭނެ އެވެ. ނިޔާޒު އޭނާގެ އެއް ދުވަހުގެ އޮފީސް ރޫޓީންވެސް ވިދާޅުވެދެއްވި އެވެ.

ނިޔާޒު އޮފީހަށް ވަޑައިގަންނަވަނީ ހެނދުނު 8:30 ގަ އެވެ. އޮފީހަށް ވަޑައިގެން ކޮފީއެއް ގިރައިގެން އެ ކޮފީތަށި ހިފައިގެން އެކި ކުދިން ކައިރިއަށް ގޮސް ވާހަކަ ދައްކާލާ ހައްދަވަ އެވެ. ނިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އެކުވެރި މާހައުލެއްގައި މަސައްކަތް ކުރައްވަން މި ބައިގަޑިއިރު ވަރަށް މުހިންމެވެ. އެއަށްފަހު އެޕްރޫވަލްސްތަކަށް ހާއްސަ ކުރައްވަނީ 9:00 އެވެ. އަނެއްކާވެސް ބައިގަޑިއިރު އެކަމަށް ހާއްސަ ކުރެއްވުމަށްފަހު ބައްދަލުވުންތަކަށް ވަގުތު ހާއްސަ ކުރައްވަނީ 9:30 ގަ އެވެ.

ނިޔާޒްގެ މި ކާމިޔާބު ދަތުރުގައި އޭނާ ޝުކުރުގެ ލިސްޓުގެ އެންމެ ކުރިއަށް ގެންނެވީ މަންމައާއި ބައްޕަ އެވެ. މައިންބަފައިން ނިޔާޒަށް ހޯއްދަވައިދެއްވި ތައުލީމާއި ނުލައި މި ދަތުރު ނުފެއްޓެވުނީސްކަމަށް ނިޔާޒު ދެކެވަޑައިގަންނަވަ އެވެ. އެއަށްފަހު އަނބިކަނބަލުންނާއި ނިޔާޒުގެ ދަރިންވެސް އޭނާ ފާހަގަކުރައްވަ އެވެ. ދެ ދަރިންގެ ތެރެއިން އެއް ދަރިފުޅު ކިޔަވަނީ މާކެޓިން އެވެ. އަނެއް ދަރިފުޅު ކިޔަވަނީ ކޯޑިން އެވެ. ނިޔާޒުގެ ބައްޕަ އަކީވެސް އިލެކްޓްރޯނިކް ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ލެގަސީ ނިޔާޒު ހިފަހައްޓަވާފައިވަނިކޮށް އޭނާގެ ދަރިފުޅުވެސް ކޯޑިން ކިޔަވަމުންދާއިރު މި ލެގަސީ ހިފެހެއްޓޭނެކަމަށް ނިޔާޒު ދެކެވަޑައިގަންނަވަ އެވެ.

އެއަށްފަހު ނިޔާޒު އޭނާގެ ޓީމުގެ ހުރިހާ މެމްބަރުން ފާހަގަ ކުރެއްވި އެވެ. ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުން ނިޔާޒަށް ވަރަށް ހާއްސަ އެވެ. މިހާ ދިގު ދަތުރެއްގައި މިހާ އުހަށް ވަޑައިގެންނެވުމުގެ ފަހަތުގައި ޓީމުގެ މެމްބަރުންގެ ހިތްވަރުވެސް ވާކަން ނިޔާޒު ފާހަގަކުރައްވަ އެވެ.

"ޓީމުގެ މޯޓިވޭޝަނަކީވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މިހާ ހިސާބަށް އައުމުގަ"

ނިޔާޒު މިހާރު އެންމެ ދެކެން ބޭނުންވަނީ މުޅި ރާއްޖެ ފުރިހަމައަށް ޑިޖިޓަލައިޒް ވާ ދުވަހެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އާންމުންނަށް ހިދުމަތް ދޭ އޮފީސްތައް ބަންދު ކުރެވިގެން ނުވާނެ އެވެ. ސަރުކާރު އޮފީސްތަކުގެ ހިދުމަތްތައް 24 ގަޑިއިރު ދެވެންވާނެ އެވެ. ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ކޮންމެ ފޯމެއް ފުރައި ކޮންމެ ހިދުމަތަކަށް ހަމަ ކޮންމެ ގަޑިއަކުވެސް އެދެވެން ޖެހޭނެ އެވެ. އުރީދޫގެ ކަސްޓަމާ ސާވިސް އޮފީސްތައް ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ މި އަމާޒަށެވެ. މިހާރުވެސް އެކުންފުނީގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކޮށްފަ އެވެ.

ނިޔާޒު ވިދާޅުވާ ގޮތުގައި ރާއްޖެ މިހާވަރަށް ކުރިއަރާނެކަމަށް އެއްޒަމާނެއްގައި ދެކެވުނު ނަމަވެސް މިހާރު މިއޮތީ ޓެކްނޮލޮޖީގެ ރޮނގުގައި ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. އެހެންކަމުން މަސައްކަތް ކޮށްފިނަމަ ޑިޖިޓަލައިޒްޑް މުޖުތަމައުއެއް ބިނާކުރުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

Ads by Ooredoo