އޮލިމްޕިއަންސް ޝޯ ބާއްވަން ކަޒްމިކް އަތުން އޮލިމްޕަސް އަތުލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ވުމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އަންނަ ހޯމަ ދުވަހުން ފެށިގެން ސިލްސިލާ މިޔުޒިކް ޝޯތަކެއް ބާއްވަން ކަޒްމިކް އިންޓަނޭޝަނަލް އަތުން އޮލިމްޕަސް ސިނަމާ އަތުލައިފި އެވެ.
ކަޒްމިކްގެ ފިލްމު "ދޭދަރު ރުއިން" އަޅުވަން އޮލިމްޕަސް ސިނަމާ ބުކްކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. 20 ވަނަ ދުވަހުގެ ރޭ އޮންނާނީ ފިލްމުގެ ޕްރިމިއާ ހަރަކާތާއިއެކު ފުރަތަމަ ޝޯ އެވެ.
ކަޒްމިކުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ "ދޭދަރު ރުއިން" އެޅުވުމަށް, މީގެ ހަތަރު މަސް ކުރިން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް، އެންސީއޭއަށް ފައިސާ ދައްކާފައިވާ ކަަމަށެވެ. އެހެންނަމަވެސް ކުއްލިއަކަށް މިދިޔަ އާދިއްތަ ދުވަހު ސަރުކާރު ބަންދުކޮށްފައިވަނިކޮށް އީމެއިލްގެ ޒަރިއްޔާއިން އެދުވަސް ފިލްމުގެ ޕްރިމިއާއަށް ދެވެން ނެތްކަން ކަޒްމިކަށް އެނގިކަމަށް އެ ކުންފުނިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި "ޔޫތު ވިތު އޮލިމްޕިއަންސް" ގެ ނަމުގައި ސިލްސިލާ ޝޯތަކެއް ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ މިމަހުގެ 17 ވަނަ ދުވަހަށެވެ. ތިން ޝޯ ބޭއްވުމަށްފަހު 20 ވަނަ ދުވަހުގެ ރޭ ކަޒްމިކަށް ދޭން ކުރިން އޮތީ ނިންމައިފަ އެވެ. އެހެންނަމަވެސް ކުއްލިއަކަށް 18 ވަނަ ދުވަހު ޝޯތައް ފަށައި 20 ވަނަ ދުވަހުގެ ރެޔާއިއެކު މިޔުޒިކް ޝޯ ބާއްވަން އެންސީއޭއިން ނިންމިކަމަށް މި އޮންލައިންއަށް ވަނީ އެނގިފަ އެވެ.
ކަޒްމިކް އަތުން 20 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް އަތުލަން އެންސީއޭއިން ނިންމިއިރު އެފިލްމުގެ ޓިކެޓުވެސް އެރެއަށް ވަނީ ވިއްކައިފަ އެވެ. އަދި އެހެން ޝޯތަކުގެ ޓިކެޓުވެސް މިހާރު ވިއްކާފައިވާއިރު ޕްރިމިއާ ކެންސަލް ކޮށްފިނަމަ ވިއްކާފައިވާ ޓިކެޓުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ އެވެ. މިއީ ފިލްމުގެ ވިޔަފާރިއަށްވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.
ކަޒްމިކުން ބުނީ މިމައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު މެއިލް ލިބުމާއިއެކު އެންސީއޭއަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ބަންދު ދުވަހެއްކަމުން އެދުވަހު އެއްވެސް މުވައްޒަފަކާ ބައްދަލެއް ނުވި އެވެ. ފަހުން ސީދާ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އަށްވެސް އެކުންފުނިން ގުޅުއްވި އެވެ. އެހެންނަމަވެސް ޑެޕިއުޓީ މިނިސްޓަރާއި ގުޅުއްވައިގެން ކުރިއަށް ގެންދަވަން އިރުޝާދު ދެއްވައި ހައްލެއް ހޯއްދަވައި ނުދެއްވިކަމަށް ކަޒްމިކްގެ ބަޔާނުގައި ބުންޏެވެ.
އޮލިމްޕަސް ސިނަމާ އަނެއްކާވެސް ރިނޮވޭޝަނަށް ބަންދު ކުރަން ނިންމާފައިވާއިރު އަންނަ 2025 ވަނަ އަހަރަށް ހޯލު ހޯދަން އެދިފައިވާ ފަރާތްތަކުގެ ރިކުއެސްޓުތައްވެސް ހޯލްޑުކޮށްފައިވާކަަމަށް މި އޮންލައިންއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޮލިމްޕަހުގައި ފިލްމު އަޅުވަން އެދިފައިވާ ފަރާތްތަކަށް ތާރީހުތައް ދޫކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ.