ބަޖެޓާ ދެކޮޅު މެންބަރުންނަށް ފަލާހުގެ ބަހުގެ ހަމަލާތަކެއް
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ދެކޮޅު ވާހަކަ ދައްކަވަމުން ގެންދަވާ މެންބަރުންނަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ބަހުގެ ހަމަލާތަކެއް ފޮނުވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ ދެކޮޅަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ. އެ ބަޖެޓު އެކުލަވާލާފައިވާ ގޮތުން މަޖިލިސް މެންބަރުންގެ ބާރު ކެނޑޭ ކަމަށް ބުނެ އެމްޑީޕީން ދަނީ ކަންބޮޑުުވުން ފާޅުކުރަމުންނެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުން ނަމަ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށްދޭ އަސާސީ ހިދުމަތްތަކުން ބޮޑު އަދަދެއް އުނިކޮށްގެން ސަރުކާރުގެ އިސްރާފު އިތުރުކުރަން ހިމަނާފައިވާ ބަޖެޓެކެވެ.
ބަޖެޓުގައި ގިނަ އަދަދެއްގެ މަޝްރޫއު ހިމެނޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދެމުން ބަހުސްގައި ފަލާހު ވިދާޅުވީ ނިމިދިިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަށްރަށުގައި އެއްވެސް މަޝްރޫއުތަކެއް ހިންގާފައިނުވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ފަލާހު ނެންގެވީ އޭނާ ތަމްސީލު ކުރައްވާ އިނގުރައިދޫ ދާއިރާގެ ރަށްތަކުގައި ކުރީގެ ސަރުކާރުން ހިންގާފައި ހުރި މަޝްރޫއުތަކެވެ. އިނގުރައިދޫ އަށް އެކަނި ބެލިޔަސް ދައުރުގެ ފަހުކޮޅު ފެށި މަޝްރޫއު ނޫން އިތުރު ކަމެއް ސޯލިހުގެ ސަރުކާރުން ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ. ހަމަ އެ ދާއިރާގައި ހިމެނޭ އިންނަމާދޫގެ ހާލަތަކީ ވެސް އެއީ ކަމަށް ވިދާޅުވެ ފަލާހު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވާނަމަ އަންނަ އަހަރުގެ ބަޖެޓުގައި ކުރިއަށް އޮތް 100 އަހަރަށް ވެސް މަޝްރޫއުތަކުގެ ޖެހިދާނެ ކަމަށެވެ. އެެހެންނަމަވެސް މުހިއްމީ މަޝްރޫއުތައް ފެށުންތޯ ނުވަތަ ފަށާ މަޝްރޫއުތައް ނިންމުންތޯ، 18 ވަނަ މަޖިލީހުގައި ވެސް މެންބަރުކަން ކުރެއްވިި ފަލާހު ސުވާލު އުފެއްދެވި އެވެ.
"ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީކީ ކޮންމެހެން ރަށެއްގައި ހުންނަ މަސައްކަތް ފެށުމެއް ނޫން ކޮންމެހެން. ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީ އެ ރަށްރަށުގެ އެ ރައްޔިތުންނަށް އެންމެ މުހިއްމު މަޝްރޫއުތައް ފަށައި އެ މަޝްރޫއުތައް ނިންމުން،'' އެމްޑީޕީން ފަށާފައިވާ ބޮޑެތި މަޝްރޫއުތައް ދައުރު ނިމުނުއިރު ވެސް ނުނިމޭކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވި އެވެ.
"ބަޔަކު ކަމެއް ކުރިއަކަސް އެމްޑީޕީއަކަށް އެކަމެއް ނުކުރެވޭނެ" ފަލާހު ވިދާޅުވި ގޮތުގައި ބަޖެޓަށް ތާއިދުކޮށް އެމްޑީޕީ މެންބަރަކު ވާހަކަ ދައްކައިފިނަމަ އެ މެންބަރަކު މަޖިލީހުގެ ދެވަނަ ދައުރަށް އިންތިހާބުވުމުގެ ފުރުސަތު ބޮޑެެވެ.
"މި ބަޖެޓު ދޮގުކުރާ މެންބަރަކު ރައްޔިތުން ނުވެސް ހޮވާނެ، އެ ވާނީ ގަމާރަކަށް ބުރާންޗަކަށް" އެމްޑީޕީ މެންބަރުންނަށް އިޝާރާތް ކުރައްވާ ފަލާހު ވިދާޅުވި 2025 އަހަރުގެ ބަޖެޓު ފަދަ ފުރިހަމަ ބަޖެޓެއް މީގެ ކުރިން މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
"ހަމަ ރަނގަޅަށް މީކާއިލް (ގަލޮޅު ދެކުނު ދާއިރާގެ މެންބަރު) އަށް އެނގިވަޑައިގަންނަވާނެ މިއީ ފުރިހަމަ ބަޖެޓެއްކަން،" ފަލާހު ސިފަކުރި ގޮތުގައި އެ ބަޖެޓަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރަނިވި ބަޖެޓެއް ކަމަށެވެ.
ބަހުސްގައި ފަލާހު ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ސަނާ ކިޔާފަ އެވެ. ވިދާޅުވީ ރައީސްއަކީ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ރައީސެއް ކަމަށެވެ. ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.