ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާއި ގުޅިގެން 11 ޖަމިއްޔާއެއްގެ ކަންބޮޑުވުން
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން މަދަނީ 11 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޖަމިއްޔާތަކުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްގައި ވަނީ ނެރެފަ އެވެ.
އެ ޖަމްއިއްޔާތަކަކީ
- ޓްރާންސްޕޭރެންސީ މޯލްޑިވްސް
- ސޭވް މޯލްޑިވްސް
- އެސޯސިއޭޝަން ފޯ ޑެމޮކްރަސީ އިން ދަ މޯލްޑިވްސް
- އުތެމާ
- އީކުއެލް ރައިޓް އިނީޝިއޭޓިވް
- ޒީރޯ ވޭސްޓް މޯލްޑިވްސް
- މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން
- ހޯޕް ފޯ ވިމެން،
- ބިލީފް މޯލްޑިވްސް
- އިކޯކެއާ މޯލްޑިވްސް
- ޕްރޮޓެކްޓް ތިމާވެށި
އެ ޖަމިއްޔާތަކުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ އިސްލާހަކީ އެއްވެސް ހާމަކަމެއް ނެތި އަވަސް އަރުވާލުމާއި ގާނޫނުތައް ހެދުމުގައި ގެންގުޅެންޖެހޭ އިޖުރާއަތްތަކާއި އުސޫލުތަކަށް ނުބެލުމާއި އަސާސީ ދިމިގްރާތީ ހަމަތައް ހަނިކުރުމަށް ބާރުއެޅޭ ފަދަ ގޮތަކަށް ކުރެވުނު މަސަކަތެއް ކަމަށެވެ.
އެ އިސްލާހުތައް ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާ މާއްދާ އާއި ހިލާފު ކަމަށް ބަޔާނުގައި ބުންޏެވެ.
ބަހުސްކުރަން އެކަށީގެންވާ ވަގުތު ނުލިބުނުކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ބަހުސްއެއް ކުރުމަށް ތައްޔާރުވުމުގެ ފުރުސަތާއި ގާނޫނު އަސާސީއަށް ގެނެވޭ ބަދަލަކާއި ގުޅިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މަދަނީ ޖަމއްއިއްޔާތަކަށާއި ރައްޔިތުންނަށް ނުލިބުމަކީ ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ހިޔާލު ބަދަލުކުރުމަށް ހުރަސްއެޅިގެން ދިޔަކަމެއް ކަމަށެވެ.
ގައުމީ ތަރައްގީގެ ސިޔާސަތުތަކާއި ޕްލޭންތައް އެކުލަވާލުމުގެ ބާރު, ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް މާއްދާއެއް އިތުރުކޮށް, 115 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް) އަށް ގެނެވުނު އިސްލާހަކީ ކަންބޮޑުވުން އޮތް އިސްލާހެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެއީ އެކި ސަރުކާރުތަކުން ކުރެވިފައިވާ މުހިންމު މަސައްކަތްތަކާއި ދުރަށް ދިއުން ކަމަށް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތުން ކުރި އިސްލާހަކީ ވަކިން ކަންބޮޑުވާ އެއް އިސްލާހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑިމޮކްރެޓިކް އުސޫލަށް އުނިކަން އައުމާއެކު މަޖިލީހުގެ މެންބަރުންގެ ސިޔާސީ މިނިވަންކަމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.
ޖަމިއްޔާތަކުން ވަނީ ރައްޔިތުންގެ ބާރުތަކާއި ހައްގުތައް އެންމެ ބޮޑަށް ރައްކާތެރިކޮށްދޭ އަދި ހިންގުމުގެ ނިޒާމު ބައްޓަން ކުރާ އެންމެ މުހިންމު ގާނޫނު ކަމުގައިވާ ގާނޫނު އަސާސީ ފަދަ މުހިންމު ގާނޫނުތައް ބަދަލު ކުރުމުގައި ދިމިގްރާތީ އުސޫލުތަކާއި ގާނޫނީ ހަމަތައް ރައްކާތެރިކުރުމަށް ގޮވާލާފަ އެވެ.
އޭގެ އިތުރުން ދައުލަތުން މުހިންމު ދެ ބާރު ކަމުގައިވާ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުން ގާނޫނު އަސާސީ އާއި އެހެނިހެން މުހިންމު ގާނޫނުތައް އިސްލާހު ކުރުމުގައި ނުވަތަ އެކުލަވާލުމުގައި މައުނަވީ ގޮތެއްގައި ރައްޔިތުންގެ ރައުޔު ހޯދުމަށާއި ބައިވެރިވުން ކަށަވަރުކޮށް ހާމަކަމާއި ޖާވަބުދާރީ ކުރުވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުމަށް ވެސް އެ ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ.
ގާނޫނު އަސާސީއަށް 5 އިސްލާހު ހުށަހެޅުމުގެ ބިލު އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތައާރަފްކޮށްދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެ ބިލްގެ އިބްތިދާއީ އަޑުއެހުން ނިންމާ ކޮމިޓީގެ މަސައްކަތް ނިންމާ, ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ވަނީ ފާސްކޮށްފަ އެވެ.
އެ ބިލް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.
” ކަމަކީ މުޅިއަކުން ގޯސްކަމެއް ނޫން ، ނަމަވެސް ގެންދެވި ގޮތް ރަގަޅު ނޫނީ “
ކުރިން އެންޓި ޑިފެކްޝަން ޤާނޫނު ފާސްކުރި މިޖަމުއިއްޔާތައްކޮބައި؟
މީ އިސްލާމް ދީނާއި ދެކޮޅު ޖައްއިއްޔާތަށް