ލައިފްސްޓައިލް

ހަގީގަތް ބަލާނުލާ އަޑުފެތުރުން، ދިވެހިން މިކަން ހުއްޓާނީ ކޮން އިރަކުންބާ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރާއްޖޭ ރަށްތަަކުގެ ހޮޅުއަށި ތަކާއި، ޖޯލިފަތިތަކުގައި އެންމެ ގިނައިން ދެކެވޭ ވާހަކަ ތަކަކީ ކޮބައިކަން ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފުސާއި ސުވާލު ކޮށްލާށެވެ. އެވެނި މިވެނިކަމެއް އެވެނި މިވެނި ގޮތަކަށް ހިނގައި ދިޔަ ވާހަކައެވެ. އެމީހަކު މިހެން ބުންޏޭ ނުވަތަ މިކަހަލަ ކަމެއް ކޮށްފިޔޭ ބުނެ ވާހަކަތައް އެކިގޮތްގޮތަށް ދެކެވެއެވެ. ހޮޅުއަށި ނުވަތަ ޖޯލިފަތި ތަކުގައި އެކަންޏެއް ނޫނެވެ. ދެމީހަކު ރެސްޓޯރެންޓެއްގެ ކޮފީއަކުން ބައްދަލު ވިޔަސް އޮންނަނީ މިކަން ކުރުމެވެ.

Ads by Hajj Corporation

ނަމަވެސް ސުވާލަކީ މިފަދަ ގޮތަކަށް ދެކެވޭ ހުރިހާ ވާހަކަ ތަކަކީ ހަގީގަތްތޯއެވެ؟ ނޫނެކެވެ. ތިބާގެ ކަންފަތަށް އިވޭ ހުރިހާ ވާހަކައަކީ ހުސް ހަގީގަތް ކަމަށް ދެކިގެން ނުވާނެއެވެ. އެހެން ނޫންނަމަ ނޭނގި ނަމަވެސް ތިމާއަށް މީހެއްގެ އަބުރު ކަތިލެވިދާނެއެވެ. އެހެން ނޫނަސް މީހެއްގެ ނުބައި ވާހަކަ އެމީހަކު ނެތްތާނގައި ދެއްކުމަކީ ރަނގަޅު ކަމެއް ނޫނެވެ.

މާލޭގައި ކަމެއް ހިނގައިގެން އުޅޭ ވާހަކަ ޚަބަރުފަތުރާ ވަސީލަތްތަކަށް ވުރެން އަވަހަށް ރާއްޖޭގެ ރަށްތަކުގައި ފެތުރެއެވެ. ހައިރާންވާހާ އަވަހަށެވެ. އެހެންނަމަވެސް ކަންވީގޮތާ ދިމާ އިދިކޮޅަށެވެ. މިހެން ކަންތައް ވުމުގެ ސަބަބުން އެކަކު ފަރާތުން އަނެކަކަށް ފެތުރެމުންދާ ވާހަކަތަކަކީ ކޮންމެވެސް މީހެއްގެ ޢަބުރު ކަތިލެވިގެންދާ ވާހަކަތަކަކަށް ވުން އެކަށީގެންވެއެވެ.

ރަށް ރަށުގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ ވެރިރަށް މާލޭގައިވެސް މިފަދަ ކަންކަން ދިމާވެއެވެ. ޚާއްސަކޮށް ރައްޓެހިންގެ މެދުގައެވެ. ވާނުވާ ނޭނގި ވާހަކަ ދެއްކުމަކީ ހަގީގަތުގައި ވެސް ދިވެހީންގެ ކިބައިން ފެންނަ ވަރަށް ނުރަނގަޅު އާދައެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކަށް މީޑިއާ ތަކާއި މެދު އޮންނަ އިތުބާރު ވަނީ ގެއްލި ގެންގޮސްފައެވެ.

ނިކަން ވިސްނާލަބަލާށެވެ. މީހެއްގެ މި އާދަ ހުރުމުގެ ސަބަބުން ކިތަންމެ ގާތް ރަހުމަތްތެރިއަކަށް ވީނަމަވެސް ވާހަކަތައް ހިއްސާ ކުރަން ޖެހިލުން ވެފައި ކިތައް މީހުން އުޅޭނެ ހެއްޔެވެ؟ މިހެން މިކަންތައް ދިއުމުން ވާހަކަތައް ހިއްސާ ނުކުރާ ކަމަށް ބުނެ ޝަކުވާ ކުރާނެއެވެ. ނަމަވެސް މިފަދަ ނުރަނގަޅު އާދައެއް ތިމާގެ ކިބައިގައި ހުރުމުގެ ސަބަބުން ވާހަކަތައް ހިއްސާ ކުރަން ބޭނުންވާނީ ކާކުހެއްޔެވެ؟

ދިވެހިންގެ ކިބައިގައި ހަރުލާފައިވާ މި ނުރަނގަޅު އާދަ ނައްތާލެވޭތޯ އެންމެންވެސް ނިކަން މަސައްކަތް ކުރަމާ ހިނގާށެވެ. މިކަމުގެ ސަބަބުން މުޖުތަމަޢަށާއި، ވާހަކަ ދައްކާ މީހާ އަދި ވާހަކަތައް ރައްދުވާ މީހާއަށް ވެސް އެއްވެސް ފައިދާއެއް އެބައޮތްތޯ ނިކަން އަމިއްލަ ނަފުސާއި ސުވާލު ކޮށްލަބަލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!