ޚަބަރު

2028 ގެ ކެންޑިޑޭޓަކީ ރައީސް، ޕްރައިމަރީއެއް ނޯންނާނެ: އަބްދުއްރަހީމް

އަލީ ސަމާޙް ، ދެން އޮންލައިން
އަބްދުއްރަހީމް، ރައީސް އަރިހުގައި / ފޮޓޯ:ރައީސް އޮފީސް

ދެން އޮންނަ ރިޔާސީ އިންތިހާބުގައިވެސް ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އަބްދުއްރަހީމް އެކަން ހާމަކުރެއްވި މިއަދު ކުރިއަށް ދިޔަ ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސްބްރީފިންއެއްގަ އެވެ.

"ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ އެ މަގާމުގައި ހުންނަ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާންޏާ ރިޔާސީ ޕްްރައިމަރީއަކާ ނުލައި އެ ޓިކެޓް އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް، އެހެންވީމަ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީ އަސާސީ ގަވައިދުގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައިހުރި އެ ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ އެ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން ނިންމިދާނެ އެވެ.

ޕީއެންސީ އަކީ ޕީޕީއެމް ހޯދަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އުފެއްދެވި ޕާޓީއެކެވެ. ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. ޖަލު ހުކުމެއް އޮތުމުން އިންތިހާބުގައި ވާދަނުކުރެެއްވޭނެ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވުނެވެ.

ޕީއެންސީއ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުން އެ ޕާޓީގެ މެންބަރުންގެ އަދަދު ލައްކައަކާ ވަނީ ގާތްކޮށްފަ އެވެ. އެކަމަކު އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން ޕީއެންސީގައި މި ވަގުތު ތިބީ 28,983 މެންބަރުންނެވެ. ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޕީޕީއެމް އުވާލުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!