ޑްރަގް އެތެރެކުރުމުގެ މައްސަލަތަކުގައި ދައުވާ ކުރެވޭ ނިސްބަތް 112 އިންސައްތައިގެ އިތުރުވުމެއް
މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ދައުވާކޮށްފައިވާ މިންވަރު 112.5 އިންސައްތަ އިތުރުވެފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަސީސް ޕްރޮސިކިއުޓޯރިއަލް ޑިވަލޮޕްމަންޓް އެސިސްޓެންސް އެންޑް ޓްރެއިނިން (އޯޕީޑީއޭޓީ) އިން މިމަހުގެ 17 އިން 21 އަށް ކްރޮސްރޯޑްސްގައި ބޭއްވި "ސައުތް އޭޝިއާ ރީޖަނަލް ކައުންޓަ ނާކޮޓިކްސް ޓްރެފިކިން ޕްރޮގްރާމް" ފައްޓަވައިދެއްވައި ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް ކަމަށެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ 17 ދައުވާ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 190 ދައުވާ މިއަހަރުގެ މިހާތަނަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ކުރި ދައުވާތަކާ އަޅާ ބަލާއިރު 112.5 އިންސައްތަ އިތުރުވުމެއް ކަމަށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ދައުވާކުރެވިފައިވާ ނިސްބަތް 14 އިންސައްތަ އިތުރުވެފައިވާކަން ޕީޖީ ހާމަކުރެއްވި އެވެ.
"މިކަމުން ދައްކުވައިދެނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު މިއަހަރު ތެރޭގައި އިތުރުވެފައިވާކަން. މިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަޅުގަނޑު މަރުހަބާ ދަންނަވަން. އަދި މިކަން ތަންފީޒުކުރުމަށް މަސައްކަތްކުރާ އެންމެހައި އިދާރާތަކަށް އަޅުގަނޑު މަރުހަބާ ދަންނަވަން." އައްބާސް ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝްގެ ޕްރޮސިކިއުޓަރުންނާއި، އިންވެސްޓިގޭޓަރުންނާއި އެނަލިސްޓުން ބައިވެރިވި އެ ތަމްރީނު ޕްރޮގްރާމްގައި އެކި ގައުމުތުން މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.