ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
މަސްވެރިންނާއި، ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި ރައީސް މުއިއްޒު ވަނީ ކެޔޮޅުންނާއި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ކެޔޮޅުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވާފަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހިއްސާ ކުރައްވަމުން ކެޔޮޅުން ވަނީ މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް ފާހަގަ ކޮށްފަ އެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ހިއްސާ ކުރައްވާފަ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދާއިރާ ކުރިއަރުވަން ކުރެވިދާނެ ކަންކަމާއި، މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ކެޔޮޅުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި މަސްވެރިންގެ ފަރާތުން ފާހަގަ ކުރެވުނު ކަންކަން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ބައިވެރިވި ކެޔޮޅަކު ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، މަސްވެރިކަމުގެ ސިނާއަތުގައި ފެށިފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތުގެ ހިޔާލުތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަރާތުން ލިބުނު ހިޔާލުން ރައީސަށް ވަރަށް ގިނަ ކަންކަން އޮޅުން ފިލައިފި ކަމަށް ވިދާޅުވި. އަދި އެއީ މީގެކުރިން ރައީސާ ހިސާބަށް ތިލަނުވެ ހުރި މައުލޫމާތުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި،" ބައްދަލުވުމުގައި ހިއްސާކުރި ހިޔާލުތަކާއި ގުޅިގެން ރައީސް ދެންނެވީ އެހެން ކަމަށް އެ ކެޔޮޅު ބުންޏެވެ.
ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް އަންނައިރު، އެ ދުވަސް ފާހަގަކުރާނެ ބަޖެޓް ދައުލަތުގައި ނުހުންނަކަން ފާހަގަކޮށް އެ ކެޔޮޅު ބުނީ، އެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ބަޖެޓެއް ކަނޑައަޅައި ބެހެއްޓުމަށް ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ. މީގެ ކުރިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމުގެ ސަމާލުކަމަށް ވެސް އެކަން ގެންދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ.