އިންޑިއާގެ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރު ވަދާއީ ޒިޔާރަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް މަހާވަރު ދެއްވާފައިވާ އެހީތެރި ކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އެ ބައްދަލުވުމުގައި މަހާވަރު ވަނީ ރާއްޖޭގެ ތަރައްގީއަށް, އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ރައީސް ދައްކަވާ ލީޑާޝިޕާ އެކުގައި މަސައްކަތް ކުރުމުގެ ރޫހު އިސްކުރައްވާކަން މަހާވަރު ފާހަގަކުރެއްވި އެވެ.
އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭކަން ވެސް މަހާވަރު ފާހަގަކުރެއްވި އެވެ.
ރައީސް އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކުލަވާލި "އަ ވިޒަން ފޯ އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ކަރުދާހުގެ މައްޗަށް އަލިއަޅުވާލައްވާ މަހާވަރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާ މިންވަރު އިތުރަށް ފުޅާކުރުމުގެ މަގު ކަނޑައެޅުނު ކަމަށެވެ.
ރާއްޖޭގައި އިގުތިސޯދީ އިސްލާހުތައް ގެނައުމަށާއި އިޖުތިމާއީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިންޑިއާއިން ދޭ އެހީތެރިކަމާ އެކު ލިބެމުންދާ ކުރިއެރުންތައް ވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މަހާވަރު ވަނީ ދެ ގައުމުގެ ގުޅުން މިހާރު ކުރިއަށްދާ ގޮތުގައި ދެމިއޮންނާނެކަމާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވަގުތަށް ނިންމޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާމެދު ވެސް އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މަހާވަރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވާފައިވަނީ ސަފީރު ކަމުގެ ދައުރުގެ މުއްދަތު ހަމަވުމާ ގުޅިގެން ގައުމަށް އެނބުރި ވަޑައިގަންނަވަން ޖެހޭތީ އެވެ.