ރަޝިއާއިން އިންޑިއާގައި ބޮޑު އިންވެސްޓްމެންޓެއް
އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި ރަޝިއާގެ ރައީސް ވްލަދިމީރު ޕުޓިން ވިދާޅުވެފައިވަނީ ރަޝިއާގެ ސަރުކާރުގެ ހިއްސާ އޮންނަ ތެލުގެ ކުންފުނި ރޮސްނެފްޓުން އިންޑިއާގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރަޝިއާގެ ރައީސް ޕުޓިންއާ ދެމެދު ބޭއްވުނު ފޯނު މަޝްވަރާއެއްގައި ޕުޓިން މި ވާހަކަ ވިދާޅުވެފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި މަޝްވަރާގައި ދެ ލީޑަރުން ވާހަކަދައްކާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިސްޓްރެޓީޖިކް ޕާޓްނަރޝިޕް އިތުރަށް ފުޅާކުރުމާ ބެހޭގޮތުންނެވެ. އަދި ހަކަތައިގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރަޝިއާގެ ރޮސްނެފްޓުން އިންޑިއާގައި ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެންމެ ބޮޑު އަމިއްލަ ތެލުގެ ރިފައިނަރީ ކަމަށްވާ ނައިރާ އެނަރޖީގެ ހިއްސާ ގަތުމާއި، ވަދިނަރު ޕޯޓުގައި ތެލުގެ ޓާމިނަލްއެއް ގާއިމުކުރުމެވެ.
މި އިންވެސްޓްމަންޓްތަކަކީ ރަޝިއާއިން އިންޑިއާއަށް ތެޔޮ އެކްސްޕޯޓްކުރުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ. ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ބާރުތައް ރަޝިއާއާ ދެކޮޅަށް ދަނިކޮށް، އިންޑިއާއިން ވަނީ ރަޝިއާއިން ގަންނަ ތެލުގެ މިންވަރު އިތުރުކޮށްފައެވެ.