އައްޑޫ އާއި ފުވައްމުލަކުގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް
އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީ ގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް ގެނެސް، އެ ކުންފުނިން މި ފަހުން ހިދުމަތްދޭން ފެށި ރަށްރަށުގައި އަންނަ މަހުން ފެށިގެން ޗާޖުކުރަން ފަށާނެ ކަމަށް ވެމްކޯއިން މިއަދު ބުނެފި އެވެ.
ވެމްކޯއިން ކުރި އިއުލާނެއްގައި ބުނީ، ސިޓީތަކާއި ރަށްރަށުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އަގު ނެގުމަށާއި މިހާރުވެސް ހިދުމަތްތަކަށް ފީ ނަގަމުންދާ ސިޓީތަކުގައި ފީ ނެގޭ އުސޫލައް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އައު އުސޫލުގެ ދަށުން ގޭބިސީތަކުންނާއި، ވިޔަފާރި، އަދި ސަރުކާރުގެ މުއައްސަސާތަކުން ކުނި ނަގައި ދިނުމުގެ ހިދުމަތަށް އަގު ނެގުމުގެ އިތުރުން، ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުނި އުކާލާ ފަރާތްތަކުން ކުނި އުކާލުމަށް ގޭޓު ފީ އެއް ނެގިގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ހިދުމަތްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވާ ގޮތް:
ގޭބިސީތަކުން ދައްކަންޖެހޭ ކުނި ނެގުމުގެ ފީ ނެގޭނީ ފެނަކައާއި ސްޓެލްކޯގެ ބިލުގެ ތެރެއިން ކަމުގައި ވާއިރު، ގޭޓު ފީ ނެގުމަށް ހަމަޖެހިފައިވަނީ ޓްރާންސްފާ ސްޓޭޝަނަށް ކުނި ބަރުކޮށްގެން ގެންނަ ކުނި އުފުލާ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާ 'އުފުލޭ ބަރުދަނަށް' ބަލައިގެން ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ، އެ ބަދަލާއެކު އައްޑޫ އަދި ފުވައްމުލަކުން ކުނި ނަގަމުންދާ އަގަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އައްޑޫ އާއި ފުވައްމުލަކު ގޭބިސީތަކުން ދެން ކުނި ނަގާނީ މާލެ ސިޓީއާ އެއް ރޭޓެއްގައި ކަމަށާއި، އެއީ 150 ރުފިޔާ ކަމަށް ވެމްކޯއިން ބުންޏެވެ. ދާދީ ފަހުން ވެމްކޯއިން ހިދުމަތް ފެށި ކ. މާފުށި، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގެ ވެސް ގޭބިސީތަކުން ކުނި ނަގަމުންދަނީ އެ އަގުގަ އެވެ.
ވެމްކޯއިން މިހާރު ހިދުމަތް ދެމުންދަނީ 11 ރަށެއްގަ އެވެ. އެއީ:
- މާލެ ސިޓީ (ހުޅުމާލެ, އަދި ވިލިމާލެ ހިމެނޭހެން)
- އައްޑޫ ސިޓީ
- ފުވައްމުލައް ސިޓީ
- ތިނަދޫ ސިޓީ
- ކުޅުދުއްފުށި ސިޓީ
- ލ. ގަން
- ލ. ފޮނަދޫ
- ކ. މާފުށި
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހއ. ވަށަފަރު