އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ޕާޓީއެއް، މައްސަލަ ތަހުގީގުކުރަން ޖެހޭ: އަޒާން
އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީން ދެމުން އަންނަ އިންޒާރުތައް ތަހުގީގުކުރަން ޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.
އަޒާން އެހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީއަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގަ އެވެ.
އަޒާން ވިދާޅުވީ މިއީ ވަރަށް މުހިއްމު މައްސަލައެއް ކަމަށާއި އެ ވާހަކަ ދައްކާއިރު ތާރީހުގައި ކަންކަން ހިނގާދިޔަ ގޮތް ބަލަން ޖެހޭ ކަމަށެވެ.
ތާރީހަށް އަލިއަޅުވާލައްވަމުން އަޒާން ވިދާޅުވީ އަމީން އަވަހާރަކޮށްލެވުނީ އެއްގޮތަކަށް ވެސް ރައްޔިތުންނަށް ދެރައެއް ދީގެން ނޫން ކަމަށާއި އެމަނިކުފާނު އަވަހާރަކޮށްލެއްވީ ވެރިކަމުގެ ދަތިވެތި ކަމުގައި ކަމަށެވެ. އަދި އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ, އެމްޑީޕީން ވެރިކަމުގެ ދަހިވެތި ކަމުގައި ހަމަ އެފަދަ ކަމެއް ކުރަން ރާވަނީ ބާއޭ ހިތަށް އަރާ ކަމަށް ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މައްސަލައަކީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ގެނެސް ތަހުގީގުކުރަން ޖެހޭ ފަދަ ސީރިއަސް މައްސަލައެއް ކަމަށެވެ. ތަކުރާރުކޮށް އެމްޑީޕީގެ އެކްޓިވިސްޓުން އެ ވާހަކަ ދައްކާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވެވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު ވެސް އެ ވާހަކަ ދައްކަވަމުންދާ ކަމަށެވެ.
"އެމްޑީޕީއަކީ އަނިޔާވެރިކަމުގެ މާޒީއެއް އޮތް ޕާޓީއެއް. އަޅުގަނޑުމެންނަށް ފެނުނު އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވުމުން އެއަށްފަހު އެ ބޭފުޅުންގެ މުޒާހަރާތަކުގައި ދައްކާފައި ހުރި ވާހަކަތައް. އަޅުގަނޑުމެންގެ އެކި އެކި ސިޔާސީ ލީޑަރުން ދަންޖައްސާ މަރަން އެ މީހުން ގޮވާފައި ހުރި. އަދި ހަމަ އެ ދުވަސްވަރު ދިވެހިރާއްޖޭގެ އެތައް ތަނެއްގައި ޓެރަރިޒަމްގެ އެތައް އަމަލެއް ހިންގާ ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންވާ އެތައް ކަންތައްތަކެއް ކޮށްފައި އެކަހަލަ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓީއެއް އެމްޑީޕީއަކީ،"
އެމްޑީޕީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހާޒިރުކޮށް, މި މައްސަލާގެ އިތުރު ތަހުގީގުތަކެއް ހިންގަން ޖެހޭ ކަމަށް އަޒާން ވިދާޅުވި އެވެ. އަދި ފުލުހުންގެ އޮފީހުން ވެސް އެ ތަހުގީގު ހިންގަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
އަޒާން ވިދާޅުވީ އެމްޑީޕީން ދުރާލައި ރާވައިގެން މިރޭ ބާއްވަން އުޅޭ ޖަލްސާގައި ކުރަން އުޅެނީ ކޮން ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެތަނުގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން އުޅޭ ވާހަކަތައް އިވެމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ އާންމުކޮށް ހަމަނުޖެހުން ހިނގާފައިވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކަށް ފަހުކަން މާޒީން ފެނިގެން ގޮސްފައިވާ ކަމަށެވެ.
އެގޮތުން ފާހަގަކުރެއްވީ 2012 ވަނަ އަހަރު ތަންތަނުގައި ހުޅުޖަހާފައި ވަނީ ވެސް ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށްފަހު ކަމަށެވެ.