އޮފިޝަލް އާއި ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ވިސާއާ ނުލާ އޮމާނށް ދެވޭ ގޮތަށް އެއްބަސްވުމެއް
ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާއާ ނުލާ އޮމާންއަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް އޮމާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ނެވެ.
އެ ދަތުރު ގައި މިނިސްޓަރު ހަލީލު މިއަދު ވަނީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީއާ ބައްދަލު ކުރައްވައިފަ އެވެ.
އޮމާންގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އޭގެ ތެރޭގައި ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމާއި އިންވެސްޓްމަންޓްގެ ދާއިރާ ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ބައިނަލްއަގުވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި ޑިޕްލޮމެޓިކްއާއި ސްޕެޝަލް، ސާސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާ ބެހޭ އެއްބަސްވުމެކެވެ.
ޑިޕްލޮމެޓިކް އާއި ސްޕެޝަލް ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރިމަންޓްގެ އިތުރުން އޯޑިނަރީ ޕާސްޕޯޓަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމުގެ ޔަގީންކަން އޮމާންގެ ފޮރިން މިނިސްޓަރު ދެއްވިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
މިހާރު ދިވެހިންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެ ޝަރުތުތަކުގެ ތެރޭގައި ވަކި ގައުމުތަކެއްގެ ވިސާ އޮތުން ހިމެނެ އެވެ.