Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

މަޖިލީސް ރައީސްގެ އަގުހުރި ނަސޭހަތަކާ އެކު މި ދައުރު ނިންމާލައިފި 

މަޖިލީސް ރައީސްގެ އަގުހުރި ނަސޭހަތަކާ އެކު މި ދައުރު ނިންމާލައިފި 
ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله ގެ އަގުހުރި ނަސޭހަތަކާ އެކު މަޖިލީހުގެ ދެވަނަ ދައުރު ނިންމާލައިފި އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ނޮވެންބަރު މަސް ނިމެންދެންނެވެ. އެހެންނަމަވެސް ދައުރު އިތުރުކުރީ ކޮންމެހެން ނިންމަން ހުރި މަސައްކަތްތަކެއް ހުރުމުންނެވެ. ދައުރުގެ އެންމެފަހު ޖަލްސާގައި އަބްދުއްރަހީމް ވަނީ މަޖިލީހުގެ މަސައްކަތުގައި މެންބަރުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ޗުއްޓީގެ ދުވަސްވަރަކީ މެންބަރުންނަށް ވެސް އަމާން, ރައްކާތެރި, އުފާވެރި އަދި ހިތްގައިމު ޗުއްޓީއަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޗުއްޓީ ނިންމާ, އެނބުރި މަސައްކަތަށް ވަޑައިގަންނަވާއިރު ހުރިހާ ބޭފުޅުން ވެސް އާ ވިސްނުންތަކާ, އާ ހިޔާލުތަކާ އެއްކޮށް މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވާ, އުފެއްދުންތެރި, ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ އުންމީދުގައި މިއަދުގެ ޖަލްސާ އަދި މި ދައުރުގެ އެންމެފަހު ޖަލްސާ ނިންމާލަން،"
އަބްދުއްރަހީމް ވިދާޅުވީ މި ދައުރުގައި މަޖިލީހުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގައި 27 ޖަލްސާ ބޭއްވިފައިވާ ކަމަށެވެ. އެ ޖަލްސާތަކުގައި 67 ގަޑިއިރު ހޭދަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މި ދައުރުގައި 165 ކޮމިޓީ ބައްދަލުވުން ބޭއްވިފައިވާއިރު، އެ ބައްދަލުވުންތަކަށް ޖުމްލަ 118 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މި ދައުރުގައި 20 ބިލާއި 1 ގަރާރާއި ސަރުކާރުން ހުށަހަޅާފައިވާ 13 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 5 މައްސަލަ އާއި 4 ކުއްލި މައްސަލަ އާއި ވަޒީރުންނާ ކުރެވުނު 13 ސުވާލު އަދި އެހެނިހެން މައްސަލަތަކާ ގުޅޭ 7 ރިޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ޖުމްލަ 73.3 އިންސައްތަ މަސައްކަތް މި ދައުރުގެ ނިޔަލަށް ނިންމާލެވިފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރަކީ ފެބްރުއަރީ 1 އިން ފެށިގެން މޭ މަހުގެ 15 އަށެވެ. އަދި ދެ ވަނަ ދައުރަކީ ޖޫން 1 އިން ފެށިގެން އޮގަސްޓް 15 އަށެވެ. އޭގެ އިތުރުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮކްޓޯބަރު 1 އިން ފެށިގެން ނޮވެބަރު ނިޔަލަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް