މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކޮށްފި
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ތާވަލުކޮށްފައި އޮތް ޖަލްސާ ފަސްކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ޖަލްސާ ފަސްކުރީ މިއަދު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިން ޖަލްސާ ބާއްވަން ނިންމާފައި އޮތީ މާދަމާ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.
އެހެން ނަމަވެސް މިހާރު އެ ޖަލްސާ ފަސްކޮށްފައިވާކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ ޖަލްސާ ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީ ހުންނަ އިމާރާރތް ވަނީ ވަރަށް ބޮޑަށް އަނދައިފަ އެޗެ. ތަކެތިވެސް އެއްކޮށް ކަހަލަަ ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވެ އެވެ.
އެކަމާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތައް ވެސް މިހާރު އޮތީ ހުއްޓިފަ އެވެ.
އެހެން ނަމަވެސް އަލުން ހިދުމަތްތައް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުން ސަރުކާރުގެ އިމާރާތެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ.