ޚަބަރު

ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އާޒިމާގެ މައްޗަށް ކުރި ހުކުމް ދަމަހައްޓައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުރީގެ ބަންޑާރަނައިބް އާޒިމާ ޝަކޫރް/ފޮޓޯ: ދެން

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެންގެވި ލޯނަކަށް، ފައިސާ ނުދައްކަވާތީ އެ ބޭންކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޭނާގެ މައްޗަށް ސިވިލް ކޯޓުން ކުރިން ކުރި ހުކުމް ދަމަހައްޓައިފި އެވެ.

Ads by Sosun Fihaara

ހުޅުމާލޭގައި ހުރި ޕްލެޓިނަމް ރެސިޑެންސްގެ އެޕާޓްމަންޓެއް އެމްއައިބީއަށް ރަހުނު ކުރުމަށްފަހު ނަގާފައިވާ 3.18 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ނުދައްކާތީ އިންޓްރެސްޓު ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭރު އެ ހުކުމް ކުރީ އާޒިމާގެ ޣައިރު ހާޒިރުގަ އެވެ.

އެ މައްސަލައިގައި އެ ހުކުމް ބާތިލުކުރަން އާޒިމާ ހައިކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެހެން ނަމަވެސް އެކޯޓުން މައްސަލަ ބަލައެއް ނުގަތެވެ.

ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ބާތިލު ކުރަން ނުވަތަ ބަދަލުކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

އެހެންވެ ފަހުން އާޒިމާ އަނެއްކާވެސް އެ ހުކުމް ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ސިވިލް ކޯޓުން އެ މައްސަލަ އަލުން ބަލައި މިއަދު ކުރި ހުކުމްގައި ބުނީ ޣައިރު ހާޒިރުގައި މިއަދު ކުރި ހުކުމް ބާތިލުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެމްއައިބީން ނެގި ލޯނަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން އެމްއައިބީން އާޒިމާއަށް ދޫކޮށްފައިވާ މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއަށް މި މަހުގެ 15 އާ ހަމައަށް ދައްކަން ޖެހި ނުދައްކާ އޮތް 4.2 މިލިއަން ރުފިޔާއާއި ޗެރިޓީއަށް އަރާފައިވާ 266،512.80 ރުފިޔާއާއެކު ޖުމްލަ 4.5 މިލިއަން ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އެ ބޭންކަން ދައްކަން އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!