އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް!
އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
މުހައްމަދު އަނީސް ނަމަކަށް ކިޔާ މީހަކު ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އަނީސް އެދިފައިވަނީ އެންޓި ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާ ބާތިލުކުރުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ އެ ގާނޫނު ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ 7 ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.
ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މަޖިލީހަށް އިންތިހާބުވާ މެންބަރަކު މެންބަރުކަމުން ވަކިވާނެ ހާލަތްތާއި މެންބަރަކު މެންބަރުކަމުން އިސްތިއުފާ ދިނުމަށް އަމަލުކުރާނޭ އުސޫލު ގާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު އެންޓި ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ, މަޖިލީހުގެ މެންބަރުކަމުން ވަކިވުން ލާޒިމު ހާލަތްތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އެ މައްސަލާގައި ހައިކޯޓުން ބުނެފައިވަނީ އެ ކޯޓުގެ އިހުތިސޯސްއަކީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީއާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ސްޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވާ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ބެލުން ކަމަށެވެ.
ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވާތަ އެ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ބެލުމަކީ ވެސް އެ ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން އަނީސް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނާ މަޖިލީހުގެ މެންބަރުކަމުން ވަކިވުން ލާޒިމުވާ ހާލަތްތައް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިތުރުކޮށް, އިސްލާހުކޮށްފައިވާތީ އެވެ.