މަޖިލީހުގެ ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަބްދުއްރަހީމް، އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރައްވަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރިޓާ އެވެ.
އަވަށްޓެރި ގައުމުތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތުތަކާ ގުޅޭ ގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ 'ލޮކްސަބާ' އަށް ހުށަހެޅުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޕަބިތްރާ ވިދާޅުވީ "ނެއިބަހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން، އަވަށްޓެރި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހާ ގަވާއިދުން މުއާމަލާތްތައް ހިނގަމުން އަންނަ ކަމަށެވެ.
އެއަށް ފަހު ސްޓޭޓް މިނިސްޓަރު ވިދާޅުވީ ގުޅުން ބަދަހިކުރުމަށް ލޮކްސަބާގެ ސްޕީކާ އޯމް ބްރިލާގެ ދައުވަތަކަށް މަޖިލީހުގެ ވަފުދަކާއެކު އަބްދުއްރަހީމް އިންޑިއާ އަށް ވަޑައިގަންނަވާނީ ފެބްރުއަރީ 10 އިން 14 އަށް ކަަމަށެވެ. އެ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހިއްސާއެއް ނުކުރައްވަ އެވެ.
މިއީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
މަޖިލީހާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އަބަދުވެސް ވަރަށް ގާތްގުޅުމެއް ބާއްވަ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަށް މަޖިލީސް މެންބަރުން ދޭތެރެ ދޭތެރެ އިން އެ ގައުމަށް ދަތުރު ކުރައްވަ އެވެ.
މިދިޔަ ސަރުކާރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގައި ކުރެއްވި ރަސްމީ ދަތުރުފުޅު ގައި މަޖިލީހުގައި ތަގުރީރުވެސް ކުރެއްވި އެވެ.