ޚަބަރު

ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދާއި ގުޅުންހުރި މައްސަލަތަކެއް ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

Ads by Hajj Corporation

ޖޭއެސްސީން ބުނެފައިވަނީ ޤާޟީ ޒުބައިރު ގެ ތަހުގީގު ކުރަމުން އަންނަނީ ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް އެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ޤާޟީ ޒުބައިރުގެ އެމައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން މީގެ ކުރިން ވަނީ، ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީގެ ސީރިއަސް މައްސަލަތަކެއް ބަލަމުންދާކަން ވެސް ހާމަކޮށްފައެވެ. މިދިޔަ ޖޫން މަހު އެކޮމިޝަނުން ބުނިގޮތުގައި، އެމައްސަލައަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާޠިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ އެކިއެކި މައްސަލަތައް ބަލަމުން އަންނަ ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް ފަނޑިޔާރުންނާއި ގުޅުންހުރި އެކިއެކި މައްސަލަތައް ބަލައި، ފިޔަވަޅު އަޅާފައެވެ. އެގޮތުން ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށް، މަޤާމުން ވެސް ދުރުކޮށްފައިވެއެވެ. ދާދި ފަހުން ޖޭއެސްސީން ވަނީ، ލާދީނީ ރިޕޯޓެއް އުފެއްދި އެމްޑީއެން އާއި ދެކޮޅަށް އަޑުއުފުލާ، އެޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް އެދި ގޮވާލި އިހުތިޖާޖެއްގައި ބައިވެރިވި ރަށެއްގެ މެޖިސްޓްރޭޓަކަށް ވެސް ނަސޭޙަތް ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!