ނިމިގެން މިދިޔަ ހަފްތާ ބަންދަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލި ކޮށްލި ދެ ދުވަހެވެ. އެކްސްގައި ހިންގަމުން އަންނަ އެކައުންޓަކުން ދައުލަތުގެ ކުންފުންޏަކާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ލީކުކޮށްލި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ މަޝްރޫއާއި، ވިނަރެސް މަޝްރޫއުގެ އިތުރުން މި ސަރުކާރުން ބިން ވިއްކަން ހުޅުވައިލި މަޝްރޫއާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމެނެ އެވެ. މި މައުލޫމާތުތައް އާންމުވެގެން ދިޔައިރު ސިއްސައިގެން ދާވަރުގެ ބޮޑެތި ކޮރަޕްޝަން އެކުލެވޭ މުއާމަލާތްތަކެއް ފާހަގަވި އެވެ.
ފާހަގަވި ބައެއް ކަންކަން؛
- ބިންވެރިޔާ މަޝްރޫއުގައި ޝަރުތު ހަމަނުވާ ބަޔަކަށް ބިން ދީފައިވުން
- ވިނަރެސް މަޝްރޫއިން ފްލެޓު ލިބުނު މީހުންނަށްވެސް ބިންވެރިޔާ މަޝްރޫއުގެ ތެރެއިން ބިން ދީފައިވުން
- ޝަރުތު ހަމަނުވާ ބަޔަކަށް ވިނަރެސް ފްލެޓުތަކެއް ދޫކޮށްފައިވުން
- ވިނަރެސް ފްލެޓުތައް ދޫކުރުމަށް އެޗްޑީސީއަށް ގިނަ އަދަދެއްގެ ފައިސާ ނާޖާއިޒުގޮތުގައި ނަގާފައިވުން
- ހުޅުމާލޭ ދެވަނަ އަދި ތިންވަނަ ފިޔަވަހިން ނުއަގުގައި ބިން ވިއްކާފައިވުން
- ބިން ވިއްކުމުގެ މުއާމަލާތްތަކުގައި އެޗްޑީސީއަށް ނުހައްގުން ފައިސާ ނަގާފައިވުން
މިކަންކަން ފާހަގަވީ ހަމައެކަނި ލިސްޓެއްގެ ތެރެއަކުން ނޫނެވެ. ފައިސާ ދެއްކި ތާރީހާއި، ދެއްކި މީހުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ ސިއްރު ލިޔުންތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. އޭގެ ސައްހަކަން ހާމަވާ އެތަކެއް ލިޔެކިޔުންތައްވެސް ވަނީ މިހާރު އާންމުކޮށްފަ އެވެ. ތުހުމަތު ކުރެވޭ މިހާރުގެ ސަރުކާރުގެ ބައެއް ވެރިންނާއި ކުރީގެ ސަރުކާރުގެ ވެރިންވެސް ހިމެނެ އެވެ. އަދި މަސްލަހަތު އޮންނަ ބައެއް މީހުންގެ އާއިލާތައްވެސް މީގެން ފާހަގަވި އެވެ.
ލިޔުންތައް ހާމަވުމާއިއެކު މިއީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނެކޭ ދެންނެވޭކަށް ނެތެވެ. މީގައި ކުރީ ސަރުކާރުންވެސް މުއާމަލާތްތަކެއް ކޮށްފައި ހުރިކަން ކަށަވަރުވެ އެވެ. އެހެންނަމަވެސް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން އެކަންކަން އެކަށީގެންވާ މިންވަރަށް ބަލާަފައި ނުވުމާއި ސަރުކާރުގެ ތެރެއިން އިތުރު ގޯސްތަކެއް ހަދާފައިވާކަން މިއީވެސް ފެންނަން ހުރި ހަގީގަތެވެ.
ސޯޝަލް މީޑީއާގައި ލީކުވި ލިޔުންތަކަކީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ސާވާގައި ރައްކާކޮށްފައި ހުރި ލިޔުންތަކެކެވެ. އެހެންކަމުން މިމައްސަލައިގައި އެންމެ ފުރަތަމަ ފެނުނީ އެޗްޑީސީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ތުހުމަތުތަކަށް އިންކާރު ކުރި ތަނެވެ. އެހެންނަމަވެސް ކޮންމެވެސް ބައެއްގެ އިހުމާލު އޮތްކަން ސާފުކޮށް ފެންނާން އޭރުވެސް އޮތެވެ.
މައްސަލަ އިތުރަށް ހޫނުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހިސާބަށް ތަފްސީލުތައް އެރުވީ މިހާ ހިސާބުންނެވެ. ފުލުހުންގެ މުއައްސަސާއިން އޭރު އޮތީ މައްސަލަ ބަލަން ފަށައިފަ އެވެ. ދެން ފެނުނީ އެޗްޑީސީއާއި ހައުސިންގް މިނިސްޓްރީގެ ވެރިންތަކެއް މަގާމުން އެކަހެރިކޮށް ސަސްޕެންޑު ކުރިތަނެވެ. އެއާއެކު ބައެއް މުވައްޒަފުންވެސް ސަސްޕެންޑުކުރި އެވެ. އަނެއްބައި މުވައްޒަފުން މަގާމުތަކުން ވަކިކުރި އެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ކަމުގައި ހުންނެވި އިބްރާޙިމް ފަޒުލް މަގާމުން އިސްތިއުފާ ދެއްވި އެވެ. މިއަދު ވަނީ އެމަގާމަށް އެހެން ބޭފުޅަކު އައްޔަނުވެސް ކުރައްވައިފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކޮރަޕްޝަނަށް ބަލާއިރު މިއީ ދައުލަތަށް 500 މިލިއަނަށްވުރެއް ބޮޑު ގެއްލުމެއް ލިބޭނެ މުއާމަލާތްތަކެކެވެ. ނުހައްގުން ބިމާއި ފްލެޓުތައް ދީފައިވާއިރު އެތައް އާންމު ރައްޔިތުންނެއްގެ ހައްގަކަށްވެސް އެވަނީ އަރައިގަނެވިފަ އެވެ. އެހެންކަމުން މިއީ ގައުމީ ބޮޑު މައްސަލަ އެކެވެ.
ރައީސް ޑރ. މުއިއްޒު ފުރަތަމަ ފަހަރަށް މި މައްސަލައާއި ގުޅޭގޮތުން މީޑިއާތަކާއި ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ.
“މިހާރު މި ހިނގައިގެން އުޅޭ ކަންތަކުގައި އަޅުގަނޑަށް އެނގުނު ހިސާބުން އަޅުގަނޑު ވާނީ ޕޮލިހަށް އަންގަވާފައި، އެބޭފުޅުންގެ (ފުލުހުން) ގެ ގާނޫނީ ޒިންމާ އެ ބޭފުޅުން އެ އަދާ ކުރައްވަނީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަގާމުތަކަށް މީހުން އައްޔަނު ކުރައްވަނީ ވައްކަން ކުރާކަށެއް ނޫނެވެ. އެހެންކަމުން ދައުލަތުގެ އެއްވެސް ވުޒާރާއެއް، މުވައްސަސާއެއް ނުވަތަ ކުންފުންޏެއްގައި އެފަދަ ކަމެއް ހިންގާކަމުގެ މައުލޫމާތު ލިބޭ ހިސާބުން ލަސްނުކޮށް ފިޔަވަޅު އަޅުއްވާނެ އެވެ. ކޮރަޕްޝަނެއް ހިންގާނަމަ އެމީހަކު ހުއްޓުވާނެ އެވެ. ނުވަތަ އެމަގާމުތަކުން މީހުން ބަދަލު ކުރައްވާނެ އެވެ. ރައީސް ޔަގީންކަން ދެއްވީ މި ސަރުކާރަކީ ކޮރަޕްޓު ސަރުކާރަކަށް ނުވާނެކަމުގެ އެވެ.
"އަޅުގަނޑެއް ކޮރަޕްޝަންގެ އަމަލެއް ނޫނިއްޔާ، ގަވާއިދާ ހިލާފަ ހިންގަމުންދާ އަމަލެއް ހުއްޓުވުމަކަށް ފަހަތަކަށް ނުޖެހޭނަން،" ރައީސް ވިދާޅުވި އެވެ.
އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކުންފުންޏަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. އެގޮތުން ނުއަގުގައި އެއްވެސް މީހަކަށް ބިން ވިއްކާފައި ނުވާނެ ކަމަށް ކުންފުނީގެ ބަޔާނުގައި ވެ އެވެ. އެހެންނަމަވެސް ފުލުހުންނާއި އޭސީސީން ހިންގާ ތަހުގީގުތައް ނިމެންދެން ޗެއާމަން އަހުމަދު ނާސިފް އިސްތިސްނާ ވާނެހެން އެޗްޑީސީގެ ހުރިހާ ބޯޑު މެމްބަރުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ. މީގެ އިތުރުން ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން 9 މުވައްޒަފަކުވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގު ޓީމެއް މިއަދު ވަނީ އެޗްޑީސީ އޮފީހަށް ވަދެފަ އެވެ.
ކޮރަޕްޝަންގެ މައުލޫމާތު މިދިޔަ ސަރުކާރުގައިވެސް އެތަކެއް ހެއްކަކާއި ލިޔުންތަކަކާއިއެކު ފެންމަތިވި އެވެ. އެހެންނަމަވެސް މިހާ އަވަސް ފިޔަވަޅު ތަކަކާއިއެކު މައްސަލަ ބަލަން ފަށާފައި މިވަނީ މި ސަރުކާރުންނެވެ. ކުރީ ސަރުކާރުގެ ވެންޓިލޭޓަރު ހިޔާނާތާއި، ކޮވިޑު ތެރޭގައި ހިންގި ބޭހުގެ ވިޔަފާރީގެ ހިޔާނާތުގެ އިތުރުން ބިންވެރިޔާ ހިޔާނާތުގެ އެއްވެސް މައްސަލައެއް ކުރީ ސަރުކާރުން ބަލައިފައެއް ނުވެ އެވެ. ބަދަލު ދިނުމުގެ ނަމުގައިވެސް އެއް ބިލިއަނަށްވުރެއް ގިނަ ރުފިޔާ ދައުލަތުން ދޫކުރަން ކުރީ ސަރުކާރުން ނިންމި މައްސަލަވެސް އޭރު ބަލައިފައެއް ނުވެ އެވެ.
މިހާރު ފެންމަތިވެގެން އުޅޭ ކޮރަޕްޝަންގެ މައްސަލައިގައި އެޗްޑީސީގެ އެތެރޭގެ އޮޑިޓެއް ކޮށްފައި ނިންމައިލެވޭކަށް ނެތެވެ. ހައުސިންގް މިނިސްޓްރީގައި ނާޖާއިޒުގޮތުގައި ބާރުގެ ބޭނުން ހިފި ވެރިންގެ މައްސަލަތައްވެސް ބަލަން ޖެހެ އެވެ. އަދި ކުރީ ސަރުކާރުން ހިންގި މުއާމަލާތްތަކަށް އޭރުގެ ވެރިންވެސް ޒިންމާދާރު ކުރުވެން ޖެހެ އެވެ. ދައުލަތަށް ގެއްލުންވާ ގޮތަށް ހެދިފައިވާ އެއްބަސްވުންތައް އުވާލައި އެފަދަ ބިންތައް އަތުލަންވެސް ޖެހެ އެވެ. ވެރިޔަކަށް އެމީހުންގެ އާއިލާ މެމްބަރަކަށް ބެލުމެއް ނެތި ބިމާއި ފްލެޓުވެސް ހައްގުވެރިންނަށް ހޯދައިދޭން ޖެހެ އެވެ.
މިމައްސަލައިގައި އެކަށީގެންވާ ވިޔަވަޅު އަޅުއްވާކަމަށް ހުދު ރައީސް ނިކުންނަވައި ފާޅުގައި ވިދާޅުވިއިރު މިއީ ކޮރަޕްޝަންގައި ބޮޑު ތަޅު އަޅުވަން ލިބުނު ރަނުގެ ފުރުސަތެކެވެ. އުސޫލުތައް ބަދަލުކޮށް، ގާނޫނުތައް އިސްލާހުކޮށްގެން އަދި ހިންގުމުގައި ހުރި ދޯހަޅި ސިޔާސަތުތަކަށް ބަދަލު ގެނަސްގެންވެސް ކޮރަޕްޝަން ފައިސާއަށް ހުޅުވިފައިވާ ހުރިހާ އިސްކުރެއް ބާރުކުރަން ޖެހެ އެވެ. ސިސްޓަމް އިސްލާހު ކުރަން އިހްލާސްތެރި ވެރިން ބޭނުންވެ އެވެ. އެންމެ މުހިންމީ ވަގުންނަށް ހިމާޔަތް ނުދިނުމެވެ. ދިވެހި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މިއީ ސަރުކާރަށް ވަރަށް މުހިންމު ދަނޑިވަޅެކެވެ.