އެޗްޑީސީ ތެރެއިން ވައްކަން ކުރުން މައުރޫފް ހުއްޓުވާނެ ކަމަށް ނަޝީދުގެ އުއްމީދު
ނުހައްގުން ގޯއްޗާއި ފްލެޓް ބަޔަކަށް ދިން މައްސަލަ ތަހުގީގުކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ އެމްޑީއަކަށް އައްޔަންކުރެއްވި ހުރި މައުރޫފް ޖަމީލް އެކަންކަން އިސްލާހުކުރާނެކަމުގެ އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކާއި، ވިނަރެސް ފްލެޓްތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަމުންދަނީ ޑޮކިއުމެންޓް ފޯޖް ކުރި މައްސަލަ އެކެވެ.
އެ މައްސަލާއާ ގުޅިގެން ފުރަތަމަ ފަހަރަށް ސޯޝަލް މިީޑިއާގައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ކުރިންވެސް ގޯތި ލިބޭ މީހުންނާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް ހަދާފައިވަނީ ބޭއިންސާފުން ކަމަށެވެ. އަދި މިފަހަރު އެ މައްސަލަ ފެންމަތިވެފައިވާއިރު، ނަޝީދު އެކަން ސިފަ ކުރެއްވީ އެއީ ބޭއިންސާފަށް އިތުރު ކުރެވުނު ބޮޅެއް ގޮތުގަ އެވެ.
"ކުރީގައި ވެސް ލިސްޓު ހަދާފައިވަނީ ބޭ އިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް. މި ފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް އެކުލަވާ ލެވުނީ،" ނަޝީދު ވިދާޅުވި އެވެ.
ބޭއިންސާފުން ގޯއްޗާއި ފްލެޓް ދީފައިވީ ނަމަވެސް، މިފަހަރު އެ މައްސަލަ ތަހުގީގު ކުރަން ފަށައި، އެޗްޑީސީގެ ވެރިން ބަދަލުކޮށްފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި އެ ތަހުގީގު ފެށިފައިވުމުން، ފުލުހުން އެކަމުގައި ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިތުރަށް އެ ޕޯސްޓްގައި ނަޝީދު ވިދާޅުވީ، "މައުރޫފް ޖަމީލް އެންމެހާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް،" އުންމީދުކުރައްވާ ކަމަށެވެ.
ވަގު ގޯތީގެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް, އެމްޑަބްލިޔުއެސްސީން ފަޒީލް ސަސްޕެންޑްކުރި އެވެ. އަދި ސަސްޕެންޑް ކޮށްފައިވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ރަޝީދު އިސްތިއުފާ ވެސް ދެއްވި އެވެ.
ނަޝީދު މައުރޫފަށް ތައުރީފް ކުރައްވާފައިވާއިރު އިއްޔެ މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މައުރޫފަކީ ނަޒާހަތްތެރިކަން އެންމެ ފުރިހަމައަށް ހިފަހައްޓަވާނެ ބޭފުޅެެއް ކަމަށެވެ. އަދި މައުރޫފަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި އަދި މަގާމުގަ މަސްއޫލިއްޔަތުގައި ސާބިތުކަމާއެކު މައުރޫފް ޕްރޮފެޝަނަލިޒަމްއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.