ބުޅާތަކަށް ގޯނާކުރުން ހުއްޓާލަން އެގްރިކަލްޗާ މިނިސްޓްރީން އިލްތިމާސްކޮށްފި
ބުޅާތަކަށް ގޯނާކުރުން ހުއްޓާލަން އެގްރިކަލްޗާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ރާާއްޖޭގެ ބައެއް ރަށްރަށުގައި ވީއްލިގެން މަގުމަތީގައި އުޅޭ ބުޅާތަކަށް ގޯނާކޮށް ހާނީއްކަ ކުރުމާއި މެރުމުގެ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
މިއީ ޖަނަވާރުންގެ ދުޅަހެޔޮކަމުގެ މިންގަނޑާ ހިލާފު އަމަލަކަށްވާތީ އެކަން ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ ރާއްޖެއިން ބައިވެރިވެފައިވާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގައި ޖަނަވާރުގެ ދުޅަހެޔޮކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ދަނޑުވެރިކަމަށާއި މުނިފޫހިފިލުވުމަށާއި އިލްމީ ދިރާާސާކުރުމަށާއި އެ ނޫންވެސް ބޭނުންތަކަށް ޖަނަވާރު ގެންގުޅުމުގައި އެސޮރުމެންގެ ދުޅަހެޔޮކަން ކަށަވަރުކުރުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ ޖަނަވާރަށް ރަހުމްކޮށް އަޅާލައި އެތަކެއްޗަށް އޯގާތެރިވުމަށް އިސްލާމްދީންވެސް ބާރު އަޅާ ކަމަށެވެ.
"އިންސާނުންނާއި ޖަނަވާރުންވެސް ދިރިއުޅެއް ލައްވާފައިވާ ތަނަކީ ދުނިޔެ ކަމަށް ވުމުން މި ދުނިޔެއަކީ ޖަނަވާރަށް ރައްކާތެރި ރަނގަޅު ތަނަކަށް ހެދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އަޅައެވެ." މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެއްވެސް ޖަނަވާރަކަށް އަނިޔާވެރިނުވެ ޖަނަވާރުންނަށް އަޅާލައި އޯގާތެރިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބުޅާ ފަދަ ޖަނަވާރުތަކަށް ގޯނާކުރުމާއި މެރުމަކީ ރާއްޖޭގައި ގާނޫނީ ގޮތުން ކުށެކެވެ.
ބުޅާ މަރައިގެންނާއި އެތަކެއްޗަށް ގޯނާ ކުރި މައްސަލަތަކެއް މީގެ ކުރިން ފުލުހުން ވެސް ބަލާފައިވެ އެވެ.