މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އިދިކޮޅު މައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސިންގް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު އަވަހާރަވެފައި ވަނީ ސިއްހީ ހާލުކޮޅު ކުއްލިއަކަށް ދެރަވުމާ ގުޅިގެން ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން މިއަދު ހެނދުނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ 2011 ވަނަ އަހަރު ސިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އާކުރައްވާފަ އެވެ. އެ ދަތުރުފުޅަކީ ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ދަތުރުފުޅެއް ކަމުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއެރުމާއި ތަރައްގީއަށް ސިންގް ދެއްވި އަހައްމިއްޔަތާއި އެމަނިކުފާނުގެ 'ލުކް އީސްޓް ޕޮލިސީ' ހަރުދަނާ ކުރުމަށް ކުރެއްވި މަސައްކަތުން މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ތަރައްގީ އާއި ގުޅުންތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރި ކަމުގަ އެވެ.
އިތުރަށް ވިދާޅުވީ އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، އެމަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓަރުކަން ހިމެނޭހެން ސަރުކާރުގެ އެކި މަގާމުތަކުގައި ސިންގް އަދާކުރެއްވި ދައުރުން އެ ގައުމުގެ އިގުތިސޯދީ ސިޔާސަތަށް ވަރުގަދަ އަސަރުތަކެއް ކުރި ކަމަށެވެ. އެގޮތުން ސިންގް ފާހަގަކުރެއްވެނީ އިހުތިރާމު ލިބިގެންވާ އިގުތިސޯދީ މާހިރެއްގެ ގޮތުގައި ކަމަށެވެ.
ބޮޑުވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ފުޅާދާއިރާއެއްގައި ސިންގް މަސައްކަތްޕުޅު ކުރެއްވިކަން ވެސް މޯދީ ފާހަގަކުރެއްވި އެވެ.