ވޭޕްކުރާ ޓޫރިސްޓުންވެސް ޖޫރިމަނާކުރާނެ: ފުލުހުން
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރާ ޓޫރިސްޓުންވެސް ޖޫރިމަނާކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އެހެން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ގައި ޓޫރިސްޓަކު ވޭޕް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދާތީވެ އެކަމާ ގުޅޭ ގޮތުން "ދެން" އިން ސުވާލުކުރުމުންނެވެ.
ފުލުހުންގެ މީޑީއާ އޮފީޝަލު ވިދާޅުވީ ވީޑިއޯއިން ފެންނަ ފަތުރުވެރިޔާ ޖޫރިމަނާ ނުކުރާ ކަމަށާއި އޭނާ ޖޫރިމަނާ ނުކުރީ ފުރަން ގޮސް ހުރި މީހަކަށްވާތީ ކަމަށެވެ.
އެހެން ނަމަވެސް އޭނާއަށް ނަސޭހަތްދިން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެކަމަކު އުސޫލެއްގެ ގޮތުން ފަތުރުވެރިންވެސް ޖޫރިމަނާކުރާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ވޭޕް ބޭނުންކޮށްގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 9 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އޭގެ ތެރެއިން 8 މީހަކު ޖޫރިމަނާކުރީ 40،000ރ އިން ކަމަށެވެ. ސައިކަލު މަތީގައި ހުރެ އިލެކްޓްރިކް ސިނގިރެޓް ބޭނުން ކުރުމުން އެކަކު 10،000ރ. އިން ޖޫރިމަނާ ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޖޫރިމަނާ ކުރިޔަސް ވޭޕް އަތެއް ނުލާނެ އެވެ.
މި މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕްކުރުން ވަނީ މަނާވެފަ އެވެ. މަނާވެފައިވަނީ އީ-ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުން ކުރުމެވެ.
އަދަބުތައް:
- އީ- ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ވިއްކުން - 20,000ރ ޖޫރިމާކޮށް, ވިއްކި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000ރ މަގުން ޖޫރިމަނާކުރުން.
- އީ- ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ހިލޭ ބެހުން - 10,000ރ ޖޫރިމަނާކުރުން.
- އީ- ސިނގިރޭޓާއި ވޭފްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި ބޭނުންކުރުން - 5000ރ ޖޫރިމަނާކުރުން.
- އެފަދަ އެއްޗެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ - 10,000ރ ޖޫރިމަނާކުރުމުގެ އިތުރުން އެ ފަރާތެއް 50,000ރ ޖޫރިމަނާކުރުން.