ޚަބަރު

ފުލުސް ކާރުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުވި މަންޒަރު ދުށް ބަޔަކު ހޯދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: ފުލުހުން ބުނީ ކާރު ދުއްވަންއިން އޮފިސަރުގެ އިހުމާލެއްވޭތޯ ބަލަމުންދާ ކަމަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހުން ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ހާދިސާގެ ސަބަބުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މީޑިއާތަކަށް އެދުވަހު ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ އެރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރެހެނެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް "ދެން" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުލުސް ކާރު ގުލްއަލާމަގު، އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކާ ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާއަށް އަނިޔާވުމުގެ ސަބަބުން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރެވުނު ކަމަށެވެ.

އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން އޮފިސަރުގެ އިހުމާލެއް ވޭތޯ ބެލުމަށް ފުލުހުންގެ ތަހުގީގެއް ވެސް ހިންގާފައިވެ އެވެ.

އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.