Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޗައިނާގައި ފެތުރެނީ ނޭވާލާ ނިޒާމުގެ ބަލިތައް، ހާލަތު ދަނީ ގާތުން ބަލަމުން: އެޗްޕީއޭ

ޗައިނާގައި ފެތުރެނީ ނޭވާލާ ނިޒާމުގެ ބަލިތައް، ހާލަތު ދަނީ ގާތުން ބަލަމުން: އެޗްޕީއޭ
ޗައިނާގައި އާދަޔާ ހިލާފަ ގިނައިން ފެތުރެމުންދަނީ ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށާއި، އެ ގައުމުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ. އެޗްޕީއޭއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނީ، ޗައިނާގެ އެކި ހިސާބުތަކުގައި ނޮވެމްބަރު މަހުގެ 2 ވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ މޫސުމާ ދިމާކޮށް ޗައިނާ އަދި ފިނި މޫސުން އަންނަ އެހެން ގައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު ޗައިނާގައި މި މޫސުމުގައި ނޭވާލާ ނިޒާމުގެ ބަލިތައް ފެންނަ މިންވަރާއި، ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށް ތަފާސްހިސާބުތަކަށް ރިޔާއަތްކޮށް އެޗްޕީއޭއިން ބުންޏެވެ. އެހާލަތާ ގުޅިގެން ޗައިނާއިން އިމަޖެންސީއެއް އިއުލާނުކޮށްފައި ނުވެ އެވެ. ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަށް ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި އާރްއެސްވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ވެސް ހިމެނޭ ކަމަށް ބުންޏެވެ. އެޗްޕީއޭއިން ބުނީ އެ ހާލަތު މޮނިޓާކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، މިދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އަންނަ ދުވަސްވަރުކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައިވެސް އިތުރުވެދާނެކަމަށް އެޗްޕީއޭއިން ލަފާކޮށްފައިވެ އެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިވުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދޭންވީ ކަންކަން: 
  • ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން
  •  ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  •  އެހެން ނަމަވެސް ބަލިޖެހިގެން ބޮޑުވަރު ވެދާނެ ފަރާތްތަކުން (ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުން، ދިފާއީ ބާރު ބަލިކަށި މީހުން، އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، މާބަނޑު މީހުން) ބަލީގައި ބޮޑުވަރު ނުވިކަމުގައި ވިޔަސް އަވަހަށް ސިއްހީ ފަރުވާ ހޯދުން

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް