ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަނަކީ ލޯންޗެއް ބަންނަންދިން ފައިސާ ކަމަށް ބުނެފި
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން ދިން ފައިސާ ކަމަށް ރިލެކްސް ފެރީ ސާވިސަސްއިން ބުނެފި އެވެ.
އުސޫލާ ހިލާފަށް ގޯތި ދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ފަޒުލްގެ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެ ގެ ބަލައި ފާސްކުރުމަށް ފަހު ގެންދިޔަ ތަކެތީގެ ތަފްސީލީ މައުލޫމާތު އެނގޭ މީހަކު "ދެން" އަށް ވަނީ ފަޒުލް ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ގެންދިޔަކަން ޔަގީންކޮށްދީފަ އެވެ.
"ފާސްކުރި ރޭ 1.4 މިލިއަނެއްހާ ރުފިޔާ ފެނުނު" މައްސަލައިގެ ގޮތުން ނަން ހާމަކުރަން ޝަރުތުކޮށް ވާހަކަދެއްކި މީހާ ބުންޏެވެ. އެ މައްސަލާގައި ފުލުހުންގެ މީޑިއާގެ ކޮމެންޓެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.
ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ.
ފަޒުލްގެ ކުންފުނިން ބަނދެދިން ލޯންޗްގެ ފެންވަރު ރަނގަޅުވުމުން ދެ ވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާ ކުރެވިފައިވާ ކަމަށް ބުންޏެވެ.
".. މަޝްވަރާ ކުރެވި މި ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ އެވެ،" ރިލެކްސްއިން ކުރި ޕޯސްޓުގައިވެ އެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ޖަވާބުގައި، އެޗްޑީސީއަށް ފޮނުވި ސިޓީގައި ބުނީ ބިންވެރިޔާގެ ސްކީމުން އެ ދެ މީހުން ގޯއްޗަށް އެޕްލައި ވެސް ނުކުރާ ކަމަށާ އަދި އެ ދެ މީހުންނަށް ގޯތި ދޫވެސްކޮށްފައި ނުވާ ކަމަށެވެ.
ބޭބެ ފޯޖު ލިޔުމެއް ހުށަހެޅި މައްސަލައިގައި އޭނާގެ ދައުރެއް ނެތް ކަމަށް ފަޒުލް މީގެކުރިން ވިދާޅުވެފައިވެ އެވެ. ފަޒީލަށް ގޯތީގެ ލިޔުން ދީފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް އުސޫލުން ބޭރުން އެއްވެސް މީހަކަށް އެއްވެސް ލިޔުމެއް ދީފައިނުވާ ކަމަށް އަކްރަމް ވިދާޅުވެފައިވެ އެވެ.
އެތާވެސް ވަގުން މިތާވެސް ވަގުން ހުސްވަގުން
އެހެންޏަ. ލާރި ޣޯނީގަ ގެންގުޅެ ދުވަސްއވަރުވިއްޔަ. ވަގުން ސަލާމަތްކުރަން ނެރެލި ބަޔާނެއް. ކާކު ގަބޫލު ކުރާނި