Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތާށިވި އުމްރާވެރިން މާދަމާ ގެނެވޭތޯ މަސައްކަތް ކުރަނީ

ތާށިވި އުމްރާވެރިން މާދަމާ ގެނެވޭތޯ މަސައްކަތް ކުރަނީ
އަލް ހިޖްރަ ގްރޫޕުގެ ހަވާލުގައި އުމުރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރާާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވި 24 މީހުން މާދަމާ ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އަލް ހިޖްރަ ގްރޫޕުން މީހުން އުމުރާއަށް ގެންދަން ނެގީ އެއްކޮޅު ޓިކެޓް ކަމަށްވެ އެވެ. އެހެންވެ ރާއްޖެ އެނބުރި އަންނަން އަދިވެސް ޓިކެޓް ހަމަޖެހިފައެއް ނުވެ އެވެ. އެ މީހުން އުމުރާއަށް ފުރުމުގައި ވެސް މައްސަލަތަކެއް ދިމާވި އެވެ. އޭރު ދިމާވީ ޓިކެޓާ ވިސާގެ މައްސަލަ ކަމަށް އެ ގްރޫޕުގެ ޑިރެކްޓަރު, މުސްތަފާ މުހައްމަދު ވަނީ "ދެން" އަށް ވިދާޅުވެފަ އެވެ. ހިޖްރަ ގްރޫޕުން ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ބުނީ އުމުރާވެރިން ރާއްޖެ ގެނައުމަށް ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ. "އެހެންނަމަވެސް އަދި މިއަދާއި ހަމައަށްވަނީ މިކަމުގައި ކުރިމަގެއް ނުފެނިފަ އެވެ،" ގްރޫޕުން އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައިވާ ގޮތުގައި އުމްރާއަށް ދިޔަ މީހުންނަށް ދިމާވެފައިވާ ދަތި ހާލަތު މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމުގަ އެވެ. އުމްރާވެރިން އެނބުރި ގެނައުމަށް ކޮށްދެވެން އޮތް ކަމެއް ކުރާނެ ކަމުގަ އެވެ. ޝަހީމް ވިދާޅުވީ މައްކާގައި މިވަގުތު އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަށް އިރުޝާދުދީފައިވާ ކަމަށެވެ. ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީނުވެ ސަރުކާރުން ނުތިބޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ހާލުގައި ޖެހުނު އުމްރާވެރިން މި މަހު 10 ގައި މާލެ ގެނެވޭތޯ މަސައްކަތް ކުރަމުން ދަނީ، އެ މީހުން ތިބި ހޮޓަލުން ނިކުންނަން ޖެހޭތީވެ، އެ މީހުން ފުރަންވަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ،" ޝަހީމް ވިދާޅުވެފައިވެ އެވެ.
އުމްރާވެރިންނަށް ކެއުމާއި ބުއިމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ. އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ ތިން ކުދިން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ. ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "ދެން" އަށް މިއަދު ވިދާޅުވީ ހާލުގައި ޖެހިފައި ތިބި މީހުންނާ ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަނުގެ މައްކާގައި ތިބި ޓީމުން ބައްދަލުކުރުމުން މައްކާ ގަޑިން މިއަދު 1 ޖަހާއިރު، އެ މީހުން ތިބި ހޮޓަލުން ނިކުންނަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށެވެ.
"މިއަދު މެންދުރުކުރިން އެ މީހުން ހައްޖު ކޯޕަރޭޝަންގެ މީހުން ތިބޭ ހޮޓަލަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން. އަދި ރެއިން ފެށިގެން ކެއުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި. މާދަމާ މައްކާއިން މާލެ އައުމަށް ފުރުމަށް ވަނީ ހަމަޖެހިފައި،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ތިބި ދިވެހިންގެ ކަންތައް ދާގޮތް ރައީސް އާއި އިސްލާމިކް މިނިސްޓަރު ޝަހީމް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން ކަމުގަ އެވެ. މިނިސްޓަރު ޝަހީމް ވަނީ އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅާނެކަން ފާހަގަކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް