ޚަބަރު

ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ހުވަދޫއަށް އޮރެންޖު އެލާޓް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ބޯކޮށް ވާރޭ ވެހެމުންދިޔަ ދުވަހެއްގައި މީހަކު މަގެއްގެ މަތިން ހިނގާފައި ދަނީ / ފޮޓޯ:ދެން އިމޭޖްސް

ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް އޮރެންޖު އެލާޓް ނެރެފި އެވެ.

Ads by MWSC

މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް އޮރެންޖު އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ. އެލާޓް ނެރުނީ މިއަދު މެންދުރު 12:50 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ.

އެ ސަރަހައްދަށް 12:15 އިން ފެށިގެން ހަވީރު 6:00 ޖެހުމާ ހަމައަށް ފުރަތަމަ ނެރުނީ ވައިޓް އެލާޓެވެ. އެއީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ.

ނަމަވެސް ބޯކޮށް ވާރޭވެހުމާ އެކު، ގުގުރާނެ ކަމަށް ލަފާކޮށް، 12:30 އިން ފެށިގެން 3:00 އާ ހަމައަށް ޔެލޯ އެލާޓެއް ފަހުން ނެރުނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ ފުވައްމުލަކު ސިޓީއަށެވެ. އެ ސިޓީއަށް 76 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެހުނީ 41.1 މިލިމީޓަރުގެ ވާރެ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އިރުއުތުރާއި އިރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދެކުނުގައި ކަނޑުތައް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ދެކުނުގެ އަތޮޅުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަން ފާހަގަކޮށްފައިވެ އެވެ.

Ads by Ooredoo