ރާއްޖޭގައި އެކްސް އާއި ޓިކްޓޮކް މަނާކުރާ ވާހަކަ މިނިސްޓަރު ދޮގުކޮށްފި

ޓިކްޓޮކް އާއި އެކްސް ރާއްޖޭގައި ބްލޮކްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ދޮގުކޮށްފި އެވެ.
މިނިސްޓަރު އެ ވާހަކަތައް ދޮގުކުރީ އުރީދޫގެ ކަލަންޑަރު އިފްތިތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެެވެ.
ޓިކްޓޮކާއި އެކްސް މަނާ ކުރަން އުޅޭ ކަމުގެ އަޑުތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ.
އެ ވާހަކަތައް ދޮގުކޮށް މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މީސް މީޑިއާ ތަރައްގީކޮށް ފުޅާކުރުމަށް ކަމަށެވެ.
ޓިކްޓޮކް މަނާކުރަން އުޅޭކަމަށް އަޑުތައް ފެތުރުނު އިރު ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށް މި ސަރުކާރުން ކުރިން އޮތީ ހާމަވެސްކޮށްފަ އެވެ.
ބަރަހަނާ ސައިޓްތައް ސަރުކާރުން ވަނީ ބްލޮކްކޮށްފަ އެވެ.
ޓިކްޓޮކްއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަދެ އުޅޭ ސޯޝަލް މީޑިއާާ ޕްލެޓްފޯމް އެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުން ވެސް ގަވައިދުން ޓިކްޓޮކް ބަލައިއުޅެ އެވެ.
އެކްސް ބޮޑަށް ރާާއްޖޭގައި ބޭނުންކުރަނީ ސިޔާސީ ކަންކަމުގައި އުޅޭ މީހުންނެވެ.