ޚަބަރު

މާލެއިން 13 ހާސް ޓަނުގެ ފެން ހިންދައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ރޭ، ދަންވަރުން ފެށިގެން ވެރިރަށް މާލެއަށް މެދުނުކެނޑި ވެހެމުންދާ ވާރޭގައި ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތުގެ ތެރެއިން، މާލޭގެ މަގުތަކުން މިހާތަނަށް 13،882 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދެންމެ ބުނެފި އެވެ.

Ads by Hajj Corporation

އެމްއެންޑީއެފުގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގެ 8 ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި މަސައްކަތުގައި މިހާތަނަށް ވަނީ 13882 ޓަނުގެ ފެން ހިންދާފަ" ސިފައިން ބުނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ ވެސްޓްޕާކް، އައިޖީއެމްއެޗް ސަރަހައްދު، ވިލިމާލެ ފެރީ ޓާމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑު ވަޅު އަދި ދަރުބާރުގެ ސަރަހައްދު އަދި ހަވީރީހިނގުމުގެ އިތުރުން ސޯޝަލް ސެންޓަރު ކައިރި ކަމަށެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ސިފައިން ބުންޏެވެ. ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެބަދެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 130.7 މިލިލީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 79.5 މިލިލީޓަރުގެ ވާރެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 2 ޖަހުމުގެ ނިޔަލަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

އޭގެ އިތުރުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

Ads by Ooredoo