ޑިމޮކްރެޓްސް ހިންގުން ވަގުތީ ގޮތުން ފިރުޝާން އާއި އަލައިކާ އަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ވަގުތީ ހިންގުން އެ ޕާޓީގެ ދެ ނައިބު ރައީސުންނާ ހަވާލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް (ހަސަންކޮ)، ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން އިތުރުން ނައިބް ރައީސް އާޝިޔަތު އަލައިކާ އަދުނާންއާ އެވެ.
ފިރުޝާން "ދެން" އަށް މިއަދު ވިދާޅުވީ ޕާޓީގެ ރައީސް އައްޔަންކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ހަސަން އާއި ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް، އެސްޓީއޯގެ ކުރީން އެމްޑީ ހުސެއިން އަމްރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ އިތުރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ގެ ކުރީގެ އެމްޑީ އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) ވެސް ވަނީ އެމްޑީޕީއަަށް ސޮއިކޮށްފަ އެވެ.
ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ޑިމޮކްރެޓްސް އިން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް އެއިން ބޭފުޅަކު ވިދާޅެއްނުވެ އެވެ. ފިރުޝާންވެސް ވިދާޅުވީ ސަބަބު އެނގިވަޑައިނުގަންނަ ކަމަށެވެ. އެކަމަކު ވަކި ބަޔަކު ޕާޓީން ވަކިވުމުން ޑިމޮކްރެޓްސްގެ މަސައްކަތްތަކަށް މަޑުޖެހުމެއް އަތުވެދާނެ ކަމަށް ފިރުޝާން ގަބޫލެއް ނުކުރެ އެވެ.
"އެ ކުރެއްވި މަސައްކަތްތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަން އަބަދުވެސް، އެ ބޭފުޅުން ދިޔައެއްކަމަކު އަދި މި ޕާޓީ މިހާ ހިސާބުން ހުއްޓެން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޕާޓީގެ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އަޅުގަނޑުމެން މި ވަގުތު އެ މަޝްވަރާތައް ކުރިއަށް ގެންދަމުން މިދަނީ، ޕާޓީގެ އޮނިގަނޑާއެކު އަތުރާލުމުގެ މަސައްކަތް ކުރިއަށްދާނެ" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ލީޑާޝިޕަށް އައި ބަދަލާއެކު އެ ޕާޓީގެ ކުރިމަގާމެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.